މާޅޮސްމަޑުލު އުތުރުބުރީ ފައިނަށް އުފަން އާދަމް ޝަރީފް ޢުމަރަކީ ރ.މީދޫއާއި މާލެއާއި މެލޭޝިއާއާއި އިނގިރޭސި ވިލާތުން ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. މާސްޓަރސް ޙާޞިލު ކުރެއްވީ ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އިންނެވެ. އަދި އޮސްޓްރޭލިއާ، ސައުތު އެފްރިކާ، ސައުތު ކޮރެއާ، ޗައިނާ، ތުރުކީ، މެކްސިކޯ، ހަވާއީ، ސަޢުދީ އަރަބިއާ ފަދަ ޤައުމުތަކުގައި ސިޔާސީ އަދި އިޖުތިމާޢީ ދާއިރާއިން ތަޖުރިބާ ހޯއްދަވާފައިވެއެވެ.
އާދަމް ޝަރީފު ޢުމަރު ޤައުމަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 1981 ވަނަ އަހަރު، އުމުރުން އެންމެ 17 އަހަރުގައެވެ. ޓީޗަރުކަމުން ފެށިގެން ޔުނިވަރސިޓީގެ ލެކްޗަރާރކަމާއި ހަމައަށް ކިޔަވައިދެއްވުމުގައި މަސައްކަތް ކުރެއްވިއިރު، މުއައްސަސާތައް ހިންގެވުމާއި ޢިލްމީ އަދި ތާރީޚީ ފޮތްތައް ލިޔުއްވުމާއި ދިރާސާ ކުރެއްވުމުގައި މެދުކެނޑުމެއްނެތި 37 އަހަރު ހޭދަކުރައްވާފައިވެއެވެ.
އާދަމް ޝަރީފު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރުން، ކްލާސްރޫމް އިންތިޒާމް ކުރުން އަދި މުދައްރިސުންގެ ފަންނީ އޮނިގަނޑު ހިމެނެއެވެ. މީގެއިތުރުން، ރާއްޖޭގެ މުދައްރިސުންގެ ތަޢުލީމުގެ ރިހިފޮތް، ސާސްކަފުގެ 17، ފަދަ ފޮތްތައް އެކުލަވާލުމުގައި ވެސް އާދަމް ޝަރީފު ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ޓީޗަރ ރިސޯސް ސެންޓަރތައް ޤާއިމު ކުރުމާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އުފެއްދުމާއި މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖު ފަރުމާ ކުރެއްވުމާއި މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ކޯސްތައް ހިންގުމާއި ބައިނަލްއަޤުވާމީ ކޮންފަރެންސްތައް ބޭއްވުމުގައި އާދަމް ޝަރީފު ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
އާދެ! އާދަމް ޝަރީފު، ދިފާއީ ވަޒީރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވީ ޤައުމުގައި އަމަންއަމާންކަން ޤާއިމުކޮށް، ދިވެހި އަސްކަރިއްޔާގެ ކަންކަން ހަރުދަނާކުރައްވާނެ ހިންގުންތެރި، އިޚްލާޞްތެރި ބޭފުޅަކަށް ނިހާޔަތަށް ބޭނުންވެފައިވާ ދުވަސްވަރެއްގައެވެ. އެ ޒިންމާ އެމަނިކުފާނު ވަރަށް ފުރިހަމައަށް އަދާކުރެއްވިއެވެ.
ދިވެހި އަސްކަރިއްޔާ ހަރުދަނާ ކުރެއްވުމަށްޓަކައި އާދަމް ޝަރީފު، ފިކުރީ މަޖިލީހެއް އެކުލަވާލައްވައި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓްޑީޒާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި އިސްކަންދަރު އެއަރ ބޭސް ޤާއިމު ކުރެއްވިއެވެ. ނޮދަން އޭރިއާގެ ހެޑްކުއާޓާޒް ޅ.މާފިލާފުއްޓަށް ބަދަލުކުރެއްވިއެވެ. ސިފައިންނަށް ބޭނުންވާ އިތުރު އިމާރާތްތައް އަޅުއްވައި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުުމަށް 5 ލޯންޗު ހޯއްދެވިއެވެ. ސީ އެންބިއުލާންސްގެ ޚިދުމަތް ހަރުދަނާކުރައްވައި، ކާރިސާތަކުގައި މީހުންނާއި މުދާ ސަލާމަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ހޯއްދެވިއެވެ. ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅު ކުރެއްވިއެވެ. އަދި ނުރައްކާތެރި އޮޕަރޭޝަންތައް ވަރަށް ގާތުން ބައްލަވައި، ތަޖުރިބާ ކުރެއްވިއެވެ.
އާދަމް ޝަރީފަކީ ދިވެހި ޤައުމިއްޔަތާއި އާދަކާދައާއި ސަޤާފަތަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ވާހަކަ ދެއްކުންތެރިއެކެވެ. ޤައުމީ ލަވަތައް ހައްދަވާ ޝާއިރެކެވެ. މާތްﷲ އާދަމް ޝަރީފަށް ދެދުނިޔޭގެ ބާއްޖަވެރިކަމާއި ކާމިޔާބީ މިންވަރު ކުރައްވާށިއެވެ. އާމީން!