ބްލޮގް


ފާހަގަކޮށްލެވޭ ތަޤުރީރުތަކާއި ޚަބަރުތައް

ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހުގެ އެކެޑަމީން ބޭއްވި ރަސްމީ ޖަލްސާ

މާދަރީބަހުގެ ދުވަހު ދިވެހިބަހުގެ އެކެޑަމީން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅު : އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް

بســم اللّـه الرّحمـن الرّحيــم. اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިބަހުގެ އެކަޑަމީގެ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިން، ދިވެހިބަހުގެ އެކަޑަމީގެ މެންބަރުންނާއި މުވައްޒަފުން، މަތީ ސާނަވީ މަދަރުސާތަކުގެ އިޙުތިރާމް ލިބިގެންވާ ނާޒިރުންނާއި މުދައްރިސުން، ލޮބުވެތި ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން. السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި، މާލޭގެ މަތީ ސާނަވީ މަދަރުސާތަކާއި ދިވެހިބަހުގެ އެކެޑަމީން ގުޅިވަޑައިގެން ބާއްވަވާ މިޖަލްސާގައި ބައިވެރިވުމުގެ ދަޢުވަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި، ދިވެހިބަހުގެ އެކަޑަމީގެ ރައީސަށާއި މަދަރުސާތަކުގެ އިސްވެރީންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. ހަމައެހެންމެ އަޅުގަނޑު މި ޖަލްސާއަށް އައުމުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ނުހަނު އުފަލާއެކު ތިޔަ ލޮބުވެތި ދަރިވަރުންނަށާއި އެކެޑަމީގެ ވެރީންނަށާއި ނާޒިރުންނަށް ޝުކުރު ދަންނަވަން. ހަމަ މިފުރުޞަތުގައި، ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކިއެކި މުބާރާތްތަކުން ވަނަވަނަތައް ޙާޞިލުކުރި ދަރިވަރުންނަށާއި ކާމިޔާބީ ހޯދި މަދަރުސާތަކަށް ތަހުނިޔާގެ ގުލްހާރުތަކުން ވެދުން ކުރަން.

އާދެ! ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ ހެޔޮ އެދުންތައް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުންނަށާއި ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

ދިވެހިސަރުކާރުން ދިވެހިބަހާއި ދިވެހި ޤައުމިއްޔަތު އާލާކޮށް ދިރުވައި ދަމަހައްޓަން ބޮޑެތި މަސައްކަތްތަކެއް އެބަ ކުރައްވާ! ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ތަރިކަ ނަމުގައި ޚާއްޞަ ޤައުމީ މަޝްރޫޢެއް ދިވެހި ޤައުމިއްޔަތު އާލާކޮށް ދިރުވުމަށްޓަކައި ފަށްޓަވާފައި. އަދި ޤައުމިއްޔަތު އާލާކޮށް ދިރުވަން ޤައުމީ ފެންވަރުގައި މަސައްކަތް ކުރާ ދުވަހެއްގެ ގޮތުގައި މާރިޗު މަހުގެ 6 ވަނަ ދުވަސް މިހާރުވަނީ ކަނޑައަޅުއްވައިފައި.

މީގެ އިތުރަށް ބަހާއި އަދަބިއްޔާތާއި ތާރީޚުގެ ކަންކަން އާލާކޮށް ދިރުވަން ވެސް ރައީސުލްޖުމުހުރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ގެންދަވީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުން. މަދަރުސީ ހުރިހާ މަރުހަލާއެއްގައި ދިވެހި ބަހާއި އިސްލާމް ކިޔަވައިދިނުން ލާޒިމު ކުރެއްވިކަމީ ޤައުމިއްޔަތު ދެމެހެއްޓެވުމަށް އެމަނިކުފާނު އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް.

ޝައްކެއް ނެތްގޮތުގައި ދިވެހި ޖީލަކީ ދީނީ ވާޖިބުތައް އަދާކުރާ، ޤައުމު ދެކެ ލޯބިވާ ޖީލަކަށް ހެދުމުގެ ތަޞައްވުރެއް ރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންޙަޖުގެތެރެއިން ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކަނޑައަޅުއްވާފައި. އެ މަންހަޖުގެ އެއް އަސާސަކީ ދިވެހި ވަންތަކަމާއި ޘަޤާފަތް. އަދި ޓެކްނޮލޮޖީއަށް ދަރިވަރުން އަހުލުވެރި ކުރުމަކީވެސް ޤައުމީ މަންހަޖުގެ އަމާޒެއް. އެ އަމާޒުތަކަށް ވާސިލުވަމުންދާއިރު ދިވެހި ބަސް ޓެކްނޮލޮޖީއަށް ދޯޅަ ކުރުމަކީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން.

ދިވެހިބަސް ދިރުވައި އާލާކުރުމާމެދު އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑަށް ވިސްނައި ފިކުރު ކުރަންޖެހިފައި. ދިވެހިންގެ ދިރިއުޅުން ޓެކުނޮލޮޖީގެ މައްޗަށް ނުހަނު ބޮޑަށް ބަރޯސާވަމުންދާއިރު، އަދި އަޅުގަނޑުމެންގެ ހިތުގެ ވިންދާ ޓެކްނޮލޮޖީ ގުޅިފައިވާއިރު، ޓެކްނޮލޮޖީގެ މިތުރަކަށް، ޓެކްނޮލޮޖީގެ މަދަދުޤާރަކަށް، ދިވެހި ބަސް ހެދުމަށް މިއަދުގެ ޒުވާނުން އައު ހިތްވަރެއް ލައި، ނަތީޖާއެއް ނިކުންނަންދެން މަސައްކަތް ކުރަންޖެހޭކަމަށް އަޅުގަނޑު ދެކެން. ބަދަލުވަމުންދާ ދުނިޔޭގައި ދިވެހިން ބޭނުންވާ ހަލުވި ޚިދުމަތް ފޯރުކޮށްދިނުމުގެ ވާސިޠާއަކަށް ވާންޖެހޭނީ ދިވެހި ބަސް.

ދިވެހި މާދަރީ ބަސް ދިރުވައި އާލާކުރުމަށްޓަކައި މިއަދު ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ޤައުމިއްޔަތު ދިރުވައި އާލާކުރުން. ތިމާގެ ހިތުގައި ޤައުމިއްޔަތުގެ ޖަޒުބާތު ހިނގާނަމަ ދިވެހި އާދަކާދައާއި ޘަޤާފަތަށް ލޯބި ކުރުމާއި އިޙުތިރާމް ކުރުމާއި އާދަކާދައާއި ޘަޤާފަތް ދިރުވަން މަސައްކަތް ކުރާނެ.

ޤައުމިއްޔަތަކީ ކޮބައިތޯ؟ ޤައުމިއްޔަތަކީ ޤައުމުދެކެ ވާ ލޯތްބާއި އަމިއްލަ ޤައުމާމެދު ހިތުގައި އުފެދޭ ފަޚުރުވެރިކަމުގެ ޝުޢޫރު. ޤައުމިއްޔަތުގެ ރުކުންތަކެއް ވޭ. އެއީ އިސްލާމް ދީން، ބަސް، އާދަކާދައާއި ޘަޤާފަތް. ޤައުމިއްޔަތު ދިރުވޭނީ ޤައުމީ ލޯބި ދިރުވިގެން.

ޤައުލީ ލޯތްބަކީ ޤައުމަށް ހެޔޮއެދުމާއި އިޚުލާޞްތެރިވުމާއި ޤައުމަށް ލިބޭ ކުރިއެރުންތަކާމެދު ފަޚުރުވެރިވެ، ހިތުގައި އުފެދޭ ޖަޒުބާތާއި ޝުޢޫރު. ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުން ޤައުމަށް ލިބެމުންދާ އުމްރާނީ ތަރައްޤީ، ނުވަތަ ދިވެހި ކިޔަވާ ކުދިން މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭފަދަ ކާމިޔާބީ ހޯދުމުން ހިތުގައި އުފެދޭ ހިތްހަމަ ޖެހުމުގެ ޖަޒުބާތީ ޝުޢޫރު. ޤައުމަށް ބޮޑުކަމެއް ދިމާވުމުން އެ އުފެދޭ ޤައުމީ ރޫޙު. ނުވަތަ ޤައުމާމެދު ސަހަރޯވެރިވެވޭ މިންވަރު. ބަހުގެ ލޯބި ނެތް ހިތެއްގައި ޤައުމީ ލޯބީގެ ވިންދެއް ނުޖަހާނެ. ޤައުމިއްޔަތެއް  ނުދިރޭނެ.

ޝައްކެއް ނެތް ގޮތުގައި ދިވެހި ވަންތަކަމާއި ޘަޤާފަތް ދެމެހެއްޓޭނީ ދިވެހި ބަސް އާލާކޮށް ދިރުވައިގެން. ދިވެހި ސަގާފަތުގެ މޫރިތި ސިފަތައް އަޅުގަނޑުމެންނަށް އާލާކޮށް ދިރުވޭނީ ދިވެހިންގެ ފަޚުރާއި ޝަރަފު ކަމުގައިވާ ދިވެހި ބަސް ދިރުވައި، އާލާކޮށްގެން. އެހެނީ ދިވެހި ބަހަކީ ދިވެހި ސަޤާފަތުގެ މަންބަޢު ކަމަށްވެފައި، ދިވެހި ސަޤާފަތް އެންމެ ފުރިހަމަގޮތުގައި ހިއްސާކުރެވޭނީ ދިވެހި ބަހުންކަމަށްވުން. ދިވެހިންގެ މާދަރީ ބަސް ދިރުވައި އާލާކުރުމަށްޓަކައި ފުރަތަމަ ކަމަކަށް ދިވެހި އާދަކާދައާއި ޘަޤާފަތަށް ލޯބި ކުރުމާއި އިޙުތިރާމް ކުރުމާއިއެކު، ދިވެހި އާދަކާދައާއި ޘަޤާފަތް ދިރުވަން މަސައްކަތް ކުރަންޖެހޭ.

ދިވެހި ބަސް ތަރައްޤީ ކުރުމުގައި މަދަރުސީ މާހައުލަކީ ވަރަށް މުހިންމު މަޤާމެއް، އަދި އެހާމެ މުހިންމު މަކާނެއް. ސްކޫލްތަކުގައި ހިންގާ އިތުރު ޙަރަކާތްތަކަކީ ދިވެހި ބަހުގެ ހުނަތުތައް ދަރިވަރުންގެ ކިބައިގާ އަށަގެންނެވުމަށް ވަރަށް ގިނަ ފުރުޞަތުތަކެއް ލިބޭ ދުވަސްތަކެއް. އެ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެއް.

ދިވެހި ބަސް ތަރައްޤީ ކުރުމުގައި ނޫސްވެރިކަމާއި މީޑިއާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ދާއިރާއެއް. މިޑީޔާތަކުން ދިވެހި ބަހުގެ ރީތި ހަމަތައް ހިފަހައްޓަންޖެހޭ. ބަހުގެ ކުށް ނުލައި ސާފު ރީތި ދިވެހި ބަހުން ޚަބަރު ފަތުރައިދޭންޖެހޭ. ބަސް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި ވެސް ނޫސްވެރިކަމަކީ ވަރަށް މުހިމުންމު ދައުރެއް އަދާކުރެވިދާނެ ދާއިރާއެއް. ދިވެހި ބަސް ތަރައްޤީކޮށް، ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް.

ޝައްކެއް ނެތްގޮތުގައި މާދަރީ ބަހަކީ އެ ބައެއްގެ ޤައުމިއްޔަތުގެ ރަމްޒު. މާދަރީ ބަހަކީ ޤައުމުގެ ވިންދު. ދިވެހިރާއްޖޭގެ މާދަރީ ބަހަކީ ދިވެހިންގެ ފަޚުރުވެރި ދިވެހިބަސް. ދިވެހިބަހަކީ ދިވެހި ޤައުމުގެ ހިތް. ދިވެހިބަހާއި ތާނަ އަކުރަކީ ދިވެހިންނަށް ލިބިފައިވާ، ދިވެހި ކޮންމެ މުވާޠިނަކު ފަޚުރުވެރިވާނެ ޤައުމީ ތަރިކައެއް. ހަމައެހެންމެ، ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަ ދައްކާ ބަހުރުވައަކީވެސް ނުހަނު އަގުބޮޑު ޤައުމީ ތަރިކައެއް.

ދިވެހިބަހަކީ މުއްސަނދި ބަހެއް. އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ދަންނަވާނީ

އަސަރަކާ އަދި ފޮނިކަމެއް އެކި ބަސްބަހުން ހަމަ ފެނުނަކަސް

އަސަރު ގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މި ދިވެހި ބަހޭ

 

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ ދިވެހިންގެ މާދަރީ ބަސް، ދިވެހިބަސް ކުރިއަރައި ތަރައްޤީވާނެ އެންމެހައި މަގެއް ﷲ ތަނަސްވަކޮށް ދެއްވުން. ދިވެހި ޤައުމިއްޔަތަށް ރޯޝަނީ މުސްތަޤުބަލެއް މިންވަރު ކުރެއްވުން. ވައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު.

ޑިފެންސް މިނިސްޓަރ

22 ފެބުރުވަރީ 2018