ބްލޮގް


ފާހަގަކޮށްލެވޭ ތަޤުރީރުތަކާއި ޚަބަރުތައް

ކްލިކް ކޮލެޖުގެ ދަސްވެނިވުން 2018

ކްލިކް ކޮލެޖުގެ ދަސްވެނިވުން 2018

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين ކްލިކް ކޮލެޖުގެ ރެކްޓަރ، ވައިސްރެކްޓަރ، ފެކަލްޓީތަކުގެ ވެރިން، މިރޭގެ ޝަރަފުވެރިންކަމުގައިވާ ދަސްވެނިން، ލޮބުވެތި ބެލެނިވެރިން، السّــلام عليــكم ورحـمــة اللّـه وبـركاتـه،

ކުޑަވެސް ޝައްކެއްނެތް ގޮތުގައި މިރެއަކީ ކްލިކް ކޮލެޖުގެ ޢިލްމީ ހިޔާވަހިކަމުގެ ދަށުން ގިނަ ދަރިވަރުންތަކެއް ދަސްވެނިވާ ތާރީޚީ ރެއެއް. މިރޭ، ކްލިކް ކޮލެޖުގެ އެންމެހައި ޚިދުމަތްތެރި މުވައްޒަފުންނާއި ހިންމަތްތެރި ދަސްވެނިންނަށް ލިބިވަޑައިގަންނަވާ އުފަލުގައި ބައިވެރިވެވޭ ކަމީ އަޅުގަނޑަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް.

އެހެންކަމުން، ކްލިކް ކޮލެޖުގެ ރެކްޓަރ އަށާއި ކްލިކް ކޮލެޖުގެ އެންމެހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިރޭ މި ރަސްމިއްޔާތުގެ ދަސްވެނިންނަށް ހޫނު މަރުޙަބާއެއް ދަންނަވައި، ތަޢުލީމީގޮތުން ތިޔަ ހޯއްދެވި ކާމިޔާބީއަށްޓަކައި ތިޔަ ބޭފުޅުންނަށައި ޢާއިލާއަށް ތަހުނިޔާ ދަންނަވަން. އެބޭފުޅުން އެ ވެވަޑައިގެންނެވި ޤުރުބާނީއަށްޓަކައި އައްސަރިބަހާއި ސާބަސް ރައްދުކުރުން.  

އާދެ، ކްލިކް ކޮލެޖަކީ ދިވެހި ޤައުމުގައި މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކޮލެޖެއް. ޢިލްމުގެ ތަފާތު ނަޒަރިއްޔާތުތަކުގެ ތެރެއިން އުފެއްދުންތެރި، ޖީލުތަކެއް ބިނާކުރުމަށް ގިނގުނަ މަސައްކަތްތަކެއް ކުރަމުންދާ ކޮލެޖެއް. މިފުރުޞަތުގައި މަތީ ތަޢުލީމު ރާއްޖޭގެ ލޮބުވެތި ފަރުދުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ކްލިކް ކޮލެޖުން ކޮށްދެއްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށް ތަހުނިޔާ ދަންނަވައި ޝުކުރު ދަންނަވަން.  

އާދެ. އުނގެނުމަކީ ވަރަށް ބުރަ، އެހެންނަމަވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭކަމެއް. ދިރިއުޅެން ދަސްވާކަމެއް. ނަފުސަށް ކުރިއެރުމާއި އިތުބާރު ލިބިދޭ ކަމެއް. ޢިލްމީ މުފައްކިރެއްކަމުގައިވާ އަދި މަޝްހޫރު ލިޔުންތެރިއެއްކަމުގައިވާ ޓެރިލަރ ވިދާޅުވަނީ

Education is changing behavior

ތިމާއަށް ލިބޭ ތަޢުލީމާއި ހުނަރާއި ޢިލްމީ ވިސްނުންތަކުގެ ބޭނުން ކުރަންޖެހޭނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށާއި ދުނިޔެ އާރާސްތު ކުރުމަށް. މުޖުތަމަޢުގެ އުފާފާގަތިކަމާއި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް. ތިމާގެ ވަށައިގެންވާ މާހައުލުގައި ޖެހޭ އޮޔާއި ވަޔާއި ފެންނަ މަންޒަރުތަކަށް ފިކުރު ހިންގައި ތިމާގެ ވިސްނުމާއި ބުއްދީގެ ބޭނުންކޮށްގެން، ޤައުމުގެ ޙާލަތު ބަދަލު ކުރުމަށް މަސައްކަތް ކުރުމަށް.

އާދެ! ޤައުމު ބިނާކުރުމުގެ އެންމެ ވަރުގަދަ ހަކަތައަކީ ތަޢުލީމީ ޒުވާނުން. ޤައުމު ބިނާކުރުމުގައި ތަޢުލީމީ ޒުވާނުންގެ އެހީތެރިކަން ޤައުމަށް މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައި. ޚާއްޞަކޮށް ރާއްޖޭގައި މިއަދު ހިނގަމުންދާ ކަންކަން ޢިލްމީ ދިރާސާގެ އަލީގައި ރައްޔިތުންނަށް ސާފުކޮށްދިނުމުގައި ތަޢުލީމީ ޒުވާނުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވޭ.

ޤައުމުގައި ހިނގަމުންދާ ކަންކަމުގެ ވާހަކަ ހަމައެކަނި ސިޔާސީ މީހުން ދެއްކުމުން މިއަދަކު ކަމުގެ ޙަޤީޤަތް ރައްޔިތުންނަކަށް ކަށަވަރެއް ނުވޭ. ސިޔާސީ މީހުން އެވާހަކަތައް ދެއްކުމުން ބައެއް ފަހަރު ކަމުގެ ޙަޤީޤާތް ރައްޔިތުންނަށް އޮޅޭ. ވީމާ، ދެވަނަ ފަރާތަކުން، ޢިލްމީ ނަޒަރަކުން އެކަންކަމުގެ ދެކޮޅު، ކަން އޮތްގޮތް ރައްޔިތުންނަށް ރަނގަޅަށް ސާފުވުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެކަން ކޮށްދެއްވޭނީ ޢިލްމީ ނަޒަރަކުން ދިރާސާތަކުގެ އަލީގައި ތިޔަ ދަސްވެނިންނަށް.

ޤައުމީ ތަރައްޤީއާއި ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓުމާއި މިކަންކަމަކީ ރާއްޖޭގެ ތަޢުލީމީ ޒުވާނުން، މާދަމާ ޤައުމު ބިނާކުރަންތިބި ތިޔަ ފަޚުރުވެރި ދަސްވެނިން ވިސްނައި ފިކުރު ހިންގަންޖެހޭ ކަންކަން. މިއަދުގެ ޢިލްމީ ޒުވާނުން ރާއްޖޭގައި ސަރުކާރުން ހިންގަމުންގެންދާ މަޝްރޫޢުތަކާއި ކުރަމުންދާ ކަންކަމާމެދު ދިރާސާ ކުރައްވަންޖެހޭ.

ރާއްޖޭގައި ކުރަމުންދާ ކަންކަމުގެ ސަބަބުން ދިވެހިންގެ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިންގެ ސަޤާފަތަށް ކުރަމުންދާ އަސަރުތަކާމެދުވެސް ވިސްނަންޖެހޭ. މިސާލަކަށް ރާއްޖޭގައި ބާއްވަމުންދާ ޤުރުއާން މުބާރާތްތައް ބޭއްވެމުންދާގޮތާއި އެކަމުގެ ސަބަބުން ކުރާ ފައިދާތައް އިތުރު ކުރެވޭނެ ގޮތްތައް ދެނެގަންނަންޖެހޭ. ހަމައެފަދައިން މޯލްޑިވިއަން އައިޑޮލް ރާއްޖޭގައި މި ބޭއްވޭ ގޮތާއި އެކަމުގެ ސަބަބުން ކުރާ ފައިދާއާއި ގެއްލުންތައް ޢިލްމީ ތަރާދަކުން ކިރާލަންޖެހޭ.

އާދެ! ބަވަނަވެފައިވާ ދުނިޔެއެއްގައި ދިވެހި ޤައުމު ކުރިއަށްދާއިރު ހައްދުފަހަނަ އެޅުމުގެ މައްސަލައަކީ ދިވެހިރާއްޖެއަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުމެއް. އަދި ލާދީނީ ފިކުރު ފަތުރަން މަސައްކަތް ކުރުމަކީ ވެސް މާކުރިންވެސް ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުމެއް. މިއަދު މިދެންނެވި ދެ ގޮންޖެހުންވެސް މިވަނީ ސިޔާސީ ފިކުރުތަކާ ގުޅުވާފައި.

ޚާއްޞަކޮށް ދީނީ ހައްދުހަނައެޅުމާމެދު ރާއްޖޭގައި ކަންކަން އޮތްގޮތް ރައްޔިތުންނާއި ބޭރު ދުނިޔޭގައި އޮޅުވާލައި، ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ރައްޔިތުންނާއި ޤައުމުގެ އިޤުތިޞާދާއި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް. މިސާލަކަށް؛ އެއްވެސް އިރެއްގައި ރާއްޖޭން ޖާރިއާއިން ވިއްކާފައެއް ނުވޭ. ވީމާ، ރާއްޖޭގައި މިއަދު ކަންކަން ހިނގަމުން މިދާގޮތާމެދު ތަޢުލީމީ ޒުވާނުން ދިރާސާތައް ހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ! ލާދީނީ ފިކުރާއި ދީނީ ހައްދުފަހަނަ އެޅުމުގެ ފިކުރު ފެތުރުމަށް ރާއްޖޭގައި އެންމެ ބޮޑަށް މަސައްކަތް ކުރެވެނީ އިންޓަރނެޓްގެ ޒަރީޢާއިން މީސްމީޑިއާ މެދުވެރިކޮށް. އެހެންވީމާ، ރާއްޖޭގައި ލާދީނީ ފިކުރާއި ދީނީ ހައްދުފަހަނަ އެޅުމުގެ ފިކުރު ފެތުން ކުޑަކުރުމަށް މަސައްކަތްކުރާ ވާޞިޠާއަކަށް ބަދަލު ކުރަން މަސައްކަތް ކުރަންޖެހޭ. މިކަން ކުރުމުގައި ޓެކްނޮލޮޖީއާއި މުޢާޞަލާތީގޮތުން ހުނަރުވެރި ފަންނީ ޒުވާނުންގެ އެހީތެރިކަން ޤައުމަށް ވަރަށް ބޮޑަށް ބޭނުންވޭ.

ވުމާއެކު، މިރޭ އަޅުގަނޑުގެ އިލްތިމާސަކީ ރާއްޖޭގައި ލާދީނީ ފިކުރާއި ދީނީ ހައްދުފަހަނަ އެޅުމުގެ ފިކުރު ފެތުރުން ކުޑަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ތިޔަ ދަސްވެނިން ފަންނީގޮތުން އެހިތެރިވެދެއްވުން. ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތުގެ ތެދު މަޢުލޫމާތު ދިރާސާތަކުގެ އަލީގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވުން.

 

އާދެ. އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ އިސްލާމީ ގިއުގަނޑުގެތެރޭގައި ދިވެހިންގެ ދިރިއުޅުން ހަރުދަނާކުރުމުގެ ހެޔޮ ވިސްނުން މާތްﷲ ދިވެހިންނަށް ދެއްވުން. އާމީން! ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް.