ސިފައިންގެ 125 ވަނަ އަހަރީ ޖަލްސާގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ދެއްކި ވާހަކަ : ކަޅުތުއްކަލާ ކޮށި، 2017
ގަދަކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު ކުރަން. މި އުންމަތަށް ކައުކުރެއްވި ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުންއެދި ދުޢާ ކުރަން. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ސަޙާބީން ޝާމިލުކުރަން.
(އެޑްރެސް ކުރުން)
އައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު.
އާދެ! މިރޭ އަޅުގަނޑުމެން މި އިޚުތިފާލުކުރަނީ ދިވެހިރާއްޖޭގައި ޤައުމީ ޚިދުމަތެއް އަދާކުރަމުންދާތާ އެންމެ ގިނަ ދުވަސްވީ އެއް މުއައްސަސާއަށް 125 އަހަރު ފުރުމުގެ މުނާސަބާ. މި ޚާއްޞަ ރަސްމިއްޔާތުގައި، އަޅުގަނޑުގެ އެންމެ ބޮޑު އުފަލެއްކަމުގައި ދެކެނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށާއި އެ މަނިކުފާނުގެ ލޮބުވެތި އަނބިކަނބަލުން، މެޑަމް ފާތުމަތު އިބުރާހީމްގެ އަރިއަހަށް ސިފައިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރުން.
ހަމަ މިފުރުޞަތުގައި ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އާއި ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގައި މަސައްކަތްކުރައްވާ ހިތްވަރުގަދަ ސިފައިންނާއި ސިފައިންގެ ލޮބުވެތި ޢާއިލާތަކަށާއި ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާ ސިފައިންނަށް އިޚްލާޞްތެރިކަމާއެކު ދުވަހުގެ ތަހުނިޔާ އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
މި ޚާއްޞަ ރަސްމިއްޔާތަށް ތިޔަ އެންމެހައި ޢިއްޒަތްތެރިން ވަޑައިގެންދެއްވުމަކީ، ދިވެހި ސިފައިންގެ ޚިދުމަތުގެ އަގު ވަޒަންކުރާކަމުގެ ދަލީލެއް. ޚާއްޞަކޮށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ ދިވެހި ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އެހާމެ ބޮޑު ޝަރަފެއް. އެކަމަށްޓަކައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިޙުތިރާމާއެކު ޝުކުރު ދަންނަވަން.
އަދި ދިވެހި އަސްކަރިއްޔާއަށް އަގުބޮޑު ޚިދުމަތްތަކެއް ކުރައްވާފައިވާ 2 ބޭފުޅަކަށް މި ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް އެރުވޭކަމީ ސިފައިންގެ ޚިދުމަތް ދިވެހި ޤައުމުން ބަލައިގަންނަ މިންވަރު ހާމަކޮށްދޭ ކަމެއް.
އާދެ! ދިވެހިޤައުމު އާރާސްތު ކުރުމަށް ދިވެހިން ކުރަމުންދާ ދަތުރުގައި، ދިވެހި އަސްކަރިއްޔާގެ ކައްޕިތާނުންނާއި ފަޅުވެރިން ކޮށްދީފައިވާ މަތިވެރި ޚިދުމަތްތަކަކީ، ގުނާ އަދަދު ނުކުރެވޭފަދަ ޚިދުމަތްތަކެއް.
ލޯބިވާ އަނބިދަރީންނާއި ޢާއިލާތަކާ ދުރުގައި، މާތްވެގެންވާ އިސްލާމް ދީނާއި މިލޮބުވެތި ވަޠަނަށްޓަކައި، އަދި އެހެން މީހުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމަށްޓަކައި ދިވެހި ސިފައިން މިއަދުވެސް ވަމުން އެދަނީ ވަރަށް ބޮޑު ޤުރުބާނީއެއް. ދިވެހިރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތް ކުރުމާއި، ޤައުމީ އަދި ދީނީ އެއްބައެއްވަންތަކަމާއި، ޤައުމު ބިނާކުރުމަށް ދިވެހި ސިފައިން ދަނީ މަސައްކަތް ކުރަމުން. މިމަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވާ ލަފާފުޅާއި އިރުޝާދާއި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން.
ޝައްކެއްވެސް ނެތްގޮތުގައި ދިވެހިންނަކީ ޞުލްޙަވެރިކަމަށް ލޯބިކުރާ، ކިޔަމަންތެރި ބައެއް. ރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، ރާއްޖޭގައި މަދުންނަމަވެސް ހިނގާފައިހުރި ޓެރަރިޒަމްގެ ގިނަ ޢަމަލުތަކަކީ ސިޔާސީ ކަންކަމާގުޅިގެން ހިންގާފައިވާ ޢަމަލުތައް. އެފަދަ ޢަމަލުތައް ހިންގާފައިވަނީ ކޮންބައެއްކަން، ކޮން ބޭނުމެއްގައިކަން، އަދި ކިހިނެއްކަން ރާއްޖޭގެ ތާރީޚު ބުނެދޭ. އެހެންވީމާ، މާޒީން އިބުރަތް ލިބިގަނެ، މިއަދު ރާއްޖޭގައި ހިނގަމުންމިދާ ކަންކަމަށާއި ކުރިމަގަށް ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް. ރާއްޖޭގައި ހިންގާ ކުށްތަކާއި ޖަރީމާތައް ހުއްޓުވުމަށް ދިވެހި ސިފައިން އަބަދުވެސް ތިބެންވާނީ ދިވެހި ފުލުހުންނަށް އެހީތެރިވެދިނުމަށް ތައްޔާރަށް.
ސިޔާސީ ހަމަނުޖެހުންތަކުގެތެރެއިން ޓެރަރިޒަމްގެ ޢަމަލެއް ހިންގާފާނެކަމަށްވެސް ސިފައިން އަބަދުވެސް ހުޝިޔާރުވެ ތިބެންޖެހޭ. ދިވެހި އަސްކަރިއްޔާގެ ބަދަހި ސަފުތައް ޣައްދާރުންގެ ރޭވުމަކުން، ޚިޔާނާތްތެރިންގެ މަކަރުވެރިކަމަކުން ފޫއަޅުވާ ލެވިގެން ނުވާނެ.
މިއަދުވެސް ދިވެހި ސިފައިންގެ ޢަޒުމަކަށް ވާންވާނީ، ޤައުމީ ޚިދުމަތުގައި އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމިތިބުން. އަސްކަރީ އަޚުލާޤުގެ މަތިވެރި ސިފަތަކުން ޒީނަތްވެ، މާތްވެގެންވާ އިސްލާމް ދީނާއި، ޤާނޫނު އަސާސީ ޙިމާޔަތް ކުރުމާއި، ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިކަން ފޯރުކޮށްދިނުމާއިއެކު، ރައްޔިތުންނަށް ޚިދުމަތްކޮށްދިނުން. އަސްކަރީ އަޚްލާޤަކީ ސިފައިންގެ ނާރެސްކަމުގައި ޤަބޫލުކޮށް، ސިޔާސީ ކަންކަމުން ދުރުހެލި، ނަޒާހަތްތެރި، ލަޝްކަރެއްގެ ގޮތުގައި ދެމިތިބުން.
އާދެ! އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ ދިވެހި ޤައުމަށް ވިޔަވަތި ދުވަސްތަކެއް މިންވަރު ކުރެއްވުން. ދިވެހި އަސްކަރިއްޔާއަށް ރޯޝަނީ މުސްތަޤުބަލެއް ދެއްކެވުން. މާތްﷲ މިލޮބުވެތި ވަޠަން މިނިވަންކަންމަތީ، އަބަދަށް ލަހައްޓަވާށި! ދިވެހި ސިފައިންނަށް ހެޔޮގޮތްތައް މިންވަރު ކުރައްވާށި! ކުރިއަށް ދިވެހި ޤައުމު – ކުރިއަށް ދިވެހި ސިފައިން. ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
2017، ސާފުނުވޭ