ބްލޮގް


ފާހަގަކޮށްލެވޭ ތަޤުރީރުތަކާއި ޚަބަރުތައް

ޤައުމީ ރޫޚު އާލާކޮށް ދިރުވުމުގެ ޖަލްސާ

ޤައުމީ ރޫޚު އާލާކޮށް ދިރުވުމުގެ ޖަލްސާގައި ދެއްކި ވާހަކަ

ޢާލަމްތަކުގެ އިލާހަށް ޙަމްދާ އިތުރު ސަނާއޭ، އައުދާނަ ސާހިބާއަށް ޞަލަވާތްތަކާ ސަލާމޭ.

(އެޑްރެސް ކުރުން)

ޝައްކެއް ނެތްގޮތުގައި ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމް ދީނަށް ލޯބިކުރާ، ދީނީ ކަންކަމަށް އިޙްތިރާމްކުރާ ބައެއް. ޤައުމު ދެކެ ލޯބިވާ، ޤައުމީ ރޫޙު ހުރި ބައެއް. ނަމަވެސް، ދުނިޔެއަށް އަންނަމުންދިޔަ ބަދަލުތަކާއި އަދި މިހާރުވެސް އަންނަމުންދާ ބަދަލުތަކާއެކު، އިސްލާމީ ޙާޟާރަތާއި ޤައުމީ ވަހުދަތު ދަމަހައްޓައި، އަންނަންއޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަށްޓަކައި މިއަދު އިތުރު މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައި.

ދިވެހިރާއްޖޭގައި އިސްލާމީ ވަޙުދަތާއި، ޤައުމީ ލޯބި އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ޤައުމީ ފެންވަރުގައި ނިޒާމީ މަސައްކަތްތަކެއް ކުރަން ފެށޭކަމީ ޤައުމިއްޔަތުގެ ލޯބިން އެމަނިކުފާނުގެ ޒަޢާމަތު ޖަރީކުރެވިފައިވާކަން އަންގައިދޭ ހެއްކެއް. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތަހުނިޔާ ދަންނަވައި، އިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ރާއްޖޭގައި މީގެ ކުރިން ދުވަހަކުވެސް އިސްލާމީ ވަޙުދަތާއި، ޤައުމީ ލޯބި އާލާކޮށް ދިރުވުމަށް މިފަދަ މަޝްރޫޢެއް ހިންގާފައެއް ނުވޭ.

ތަހުޒީބު ޤައުމަކަށް މިޤައުމު ހެއްދެވުމަށްޓަކައި، އިޤުތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުން، ސިނާޢީގޮތުންނާއި އުމްރާނީގޮތުން ދިވެހި ޤައުމުގެ ނައު މިއަދު ދަތުރު ކުރަމުންދަނީ މިޤައުމަށް ހެޔޮއެދޭ ކޮންމެ ފަރުދަކު، ޤައުމުދެކެ ލޯބިވާ ކޮންމެ މުވާޠިނަކު ފަޚުރުވެރިވާނެ މިސްރާބަކަށް.

ޚާއްޞަގޮތެއްގައި 15 ވަރަކަށް އަހަރު ވަންދެން ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، އިޖުތިމާޢީ ހަމަޖެހުން ޤައުމަށް ގެނެސްދެއްވައި، ރާއްޖޭގައި ވީދެމުންދިޔަ އިޖުތިމާޢީ ފޭރާން އަލުން އައުކޮށްދެއްވަމުން ގެންދަވާކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމަށް ހިތުގެ އުމުގުން ތަހުނިޔާ ދަންނަވައި ޝުކުރު ދަންނަވަން.

އަޅުގަނޑު ވާހަކަ ދައްކަން ޤަޞްދު ކުރަނީ ޤައުމީ ލޯތްބާއި ޤައުމިއްޔަތާބެހޭގޮތުން.

ޤައުމިއްޔަތަކީ ކޮބައިތޯ؟ ޤައުމިއްޔަތަކީ ޤައުމުދެކެ ވާ ލޯތްބާއި އަމިއްލަ ޤައުމާމެދު ހިތުގައި އުފެދޭ ފަޚުރުވެރިކަމުގެ ޝުޢޫރު. ޤައުމަށް ބޮޑުކަމެއް ދިމާވުމުން އެ އުފެދޭ ރޫޙަކީ ޤައުމީ ރޫޚު.

ޤައުމިއްޔަތުގެ ރުކުންތަކެއް ވޭ. އެއީ އިސްލާމް ދީން، ބަސް، އާދަކާދައާއި ޘަޤާފަތް. ޤައުމުގެ ހައިބަތާއި އިސްތިޤްލާލް ރަމްޒުކޮށްދޭ ކަންކަން: ޤައުމީ ސަލާމް، ޤައުމީ ނިޝާން، ޤައުމީ ދިދަ ފަދަ ކަންކަމަކީ މީގެތެރޭގައި ހިމެނޭ ކަންކަން.

ޤައުމު ދެކެ ލޯބިވުމަކީ ކޮބައިތޯ؟

ޤައުމު ދެކެ ލޯބިވުމަކީ ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި ދީން ރައްކާތެރިކުރުމަށް މަސައްކަތް ކުރުން. އެ ސިފަ ދިވެހިންގެ ތެރޭގައި ވަރަށް ރަނގަޅަށް ހަރުލާފައި އެބަ އޮތް. ބަނގުރާ ވިއްކަން އުޅުމުން ދިވެހިން ކުރި މުޒާހަރާއިން އެކަން ދޭހަވޭ.

ޤައުމު ދެކެ ލޯބިވާކަން އެނގޭނެ އަނެއް ކަމަކީ ދިވެހި ބަހަށް އިޙުތިރާމް ކުރުމާއި ޤައުމީ ބަސް ދިރުވަން މަސައްކަތް ކުރުން- ބަހުގެ ޤާނޫނެއް އެބައޮތް. ދިވެހިބަސް ދިރުވުމަށް ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރެވޭ. ނަމަވެސް ދިވެހި ބަހަށް ތުއްތު ކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމަށް މަސައްކަތް ކުރަންޖެހޭ. އަމްޝީ ދަނީ ފްލާވަރ އެއް ޕިކް ކުރަން ގާޑަން އަށް. އޭ ބުނީމާ، ދަރިވަރަށް ދިވެހިބަސް ބޭނުންކުރެވޭ މިންވަރާއި ދިވެހިބަހުގެ މުއްސަނދިކަން އިޙުސާސްކުރެވޭ މިންވަރު ކުޑަވޭ.

ޤައުމު ދެކެ ލޯބިވާކަން އެނގޭނެ ތިންވަނަ ކަމަކީ އާދަކާދައާއި ޘަޤާފަތަށް ލޯބި ކުރުމާއި އިޙުތިރާމް ކުރުމާއި އާދަކާދައާއި ޘަޤާފަތް ދިރުވަން މަސައްކަތް ކުރުން. ހަމަ އެހެންމެ ޤައުމީ ސިޔާސަތުތައް އިޙުތިރާމް ކުރުމަކީވެސް ޤައުމިއްޔަތު އާލާކޮށް، ދިރުވުމަށް ކޮންމެހެން ބޭނުންވާ ކަމެއް.

ވަޠަން ދެކެ ލޯބިވުމަކީ ކިހާ މުހިންމު ކަމެއްތޯ؟ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރައަށް ނިކުންނެވި ވަގުތު މައްކާއަށް އިޝާރާތް ކުރައްވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރެއްވީ ތިބާއަކީ ތިމަންކަލޭގެފާނު އެންމެ ލޯބިފުޅުވާ ބިމެވެ. އަދި މަދީނާ ދެކެ ލޯބިފުޅުވޭތޯ ދުޢާ ކުރެއްވި. ޢަރަބި ކަލާމުގެ ބޭފުޅުން ވިދާޅުވަނީ ޙުއްބުލްވަޠަން މިނަލްއީމާން- ޤައުމު ދެކެ ލޯބިވުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް.

ތިމާގެ ހިތުގައި ޤައުމިއްޔަތުގެ ޖަޒުބާތު ހިނގާތޯ؟ އާދެ! ތިމާގެ ހިތުގައި ޤައުމިއްޔަތުގެ ޖަޒުބާތު ހިނގާނަމަ ދީނަށް ޙުރުމަތްތެރިކޮށް ހިތައި، ދީން ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެ. ދިވެހި ބަހަށް އިޙުތިރާމް ކުރުމާއި ޤައުމީ ބަސް ދިރުވަން މަސައްކަތް ކުރާނެ. ބަހުގެ ޤާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ބާރު އަޅާނެ. ދިވެހި ބަހަށް ތުއްތު ކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމަށް މަސައްކަތް ކުރާނެ. ހަމަ އެހެންމެ ތިމާގެ ހިތުގައި ޤައުމިއްޔަތުގެ ޖަޒުބާތު ހިނގާނަމަ ދިވެހި އާދަކާދައާއި ޘަޤާފަތަށް ލޯބި ކުރުމާއި އިޙުތިރާމް ކުރުމާއި އާދަކާދައާއި ޘަޤާފަތް ދިރުވަން މަސައްކަތް ކުރާނެ. ހަމަ އެހެންމެ ޤައުމީ ސިޔާސަތުތަކަށް އިޙުތިރާމް ކުރާނެ. އެހެންވީމާ، ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި ޤައުމިއްޔަތުގެ ޖަޒުބާތު ހިނގާކަން ތިޔަ ބޭފުޅުން އަމިއްލަފުޅަށް ވަޒަންކޮށްލައްވާ!.

ވަޠަންދެކެ ލޯބިވުމަކީ ކިހާ މުހިންމު ކަމެއްތޯ؟ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރައަށް ނިކުންނެވި ވަގުތު މައްކާއަށް އިޝާރާތް ކުރައްވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރެއްވީ ތިބާއަކީ ތިމަންކަލޭގެފާނު އެންމެ ލޯބިފުޅުވާ ބިމެވެ. އަދި މަދީނާ ދެކެ ލޯބިފުޅުވޭތޯ ދުޢާ ކުރެއްވި.

އާދެ! އެމެރިކާގެ މަޝްހޫރު ބޭފުޅެއްކަމުގައިވާ އެމެރިކާގެ 35 ވަނަ ރައީސް ޖޯން އެފް ކެނެޑީ ވިދާޅުވަނީ

“Ask not what your country can do for you, ask what you can do for your country"

ޤައުމީ ލޯބި ނެތްނަމަ، ޤައުމަށް ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ. މިސާލަކަށް މީލާދީން 1490 ވަނަ އަހަރު ރަސްކަމަށް އިސްވެވަޑައިގެންނެވި ކަޅު މުޙައްމަދު ރަސްގެފާނާއި އޭނާގެ ކާފަ ދަރިކަލުން 9 ވަނަ ޙަސަން ރަސްގެފާނު 1550 ގައި ރަސްކަން ގެއްލިދާނެ ކަމަށް ހީފުޅުވީމާ، ދީން ވެސް ބަދަލު ކުރެއްވި. ރާއްޖެ ހިފަން ޕޯޗްގީޒުން ފޮނުވި. މިތާރީޚު ރާއްޖޭގައި އިޢާދަވޭ. ރާއްޖޭގެ ފަހުގެ މާޒީން އެކަން ހެކިދޭ.

 

ރާއްޖޭގައި ޤައުމިއްޔަތު އާލާކޮށް ދިރުވުމުގައިހުރި ގޮންޖެހުންތަކެއް އެބަހުރި. ދިވެހި ސަޤާފަތާއި އާދަކާދައާ ބީރައްޓެހި ކަންކަން ރާއްޖެއަށް ތަޢާރަފު ކުރުމާއި ޔޫރަޕްގެ ތަހުޒީބަށް ހެއްލުމާއި ހައްދުފަހަނައެޅުމަކީ ބޮޑު ގޮންޖެހުމެއް. ފިކުރީ ހަނގުރާމައިގެ އަސީރުންނަށް ބައެއް ދިވެހިންވުމަކީ ވެސް ރާއްޖެއަށް އޮތް ގޮންޖެހުމެއް. ކޮންމެ ކަމަކަށް ނޫނެކޭ ބުނަމުގެ ސަގާފަތެއް އުފެދުމަކީ ވެސް ރާއްޖޭގައި ޤައުމިއްޔަތު އާލާކޮށް ދިރުވުމުގައިހުރި ގޮންޖެހުމެއް. މާއްދީ ކަންކަމަށް އިސްކަން ދެވުމާއި ޤައުމިއްޔަތާގުޅޭ ކަންކަމުގެ އަގު ވަޒަންކުރެވޭ މިންވަރު ކުޑަވުމާއި ޤައުމީ ރޫޚު ކުޑަވުމަކީ ވެސް ރާއްޖޭގައި ޤައުމިއްޔަތު އާލާކޮށް ދިރުވުމުގައިހުރި ގޮންޖެހުމެއް.

ޤައުމިއްޔަތު ދިރުވަން މަސައްކަތް ކުރަންޖެހޭ. އިންޑިއާގެ ބާނީ، މަހާތުމާގާންދީ ވިދާޅުވަނީ: "މުސްތަޤުބަލު ބިނާވާނީ މިއަދު ކުރާ ކަމެއްގެ މައްޗަށޭ". ރައީސް ޔާމީން ވިދާޅުވަނީ "ދިރުމެއް ވާކަމުގައިވާނަމަ އުއްމީދެއް ވެއޭ. އެހެންވީމާ، އެ އުންމީދާއެކުގައި ހުރިހާ ބޭފުޅުން ވެސް ކުރިއަށް ވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ! ޝަހުސިއްޔަތެއް ހުރި ލޯތްބަކީ އަދި އާރުލާވެސް ލޯތްބަކީ

ފަޚުރާއި ޝަރަފުވެރި ބާރަކީ ޙުއްބުލްވަޠަން ދަސްކުރޭ

 

ވައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު