ބްލޮގް


ފާހަގަކޮށްލެވޭ ތަޤުރީރުތަކާއި ޚަބަރުތައް

ދިވެހިރާއްޖޭގެ 29 ވަނަ ނަޞްރުގެ ދުވަހުގެ ޖަލްސާ

ދިވެހިރާއްޖޭގެ 29 ވަނަ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ދެއްކި ވާހަކަ : 2017

ޝަހީދުންނަށް ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތްތައް ދެއްވާނެކަމަށް ވަޙީ ކުރެއްވި ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރުކުރަން. ޖިހާދު ކުރުމުގެ ފުރިހަމަ ނަމޫނާ ދެއްކެވި މާތް ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަޅުގަނޑުގެ މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ މިތުރު އާލުންނާއި ޞަޙާބީން ޝާމިލު ކުރަން.

(އެޑްރެސް ކުރުން)

އައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު.

އާދެ! ދިވެހިރާއްޖޭގެ 29 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ޚާއްޞަ ރަސްމިއްޔާތުގައި އަޅުގަނޑުގެ އެންމެ ބޮޑު އުފަލެއްކަމުގައި ދެކެނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ދެކަނބަލުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސް ކުރުން.

ހަމަ މިފުރުޞަތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމަށާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދަށާއި ހިތްވަރުގަދަ ދިވެހި ޢަސްކަރިއްޔާގެ އެންމެހާ ސިފައިންނަށާއި ސިފައިންގެ ލޮބުވެތި ޢާއިލާތަކަށާއި ސިފައިންގެ އިސް ޚިދުމަތްތެރިންނަށާއި ދިވެހިރާއްޖޭގެ އެންމެހާ މުވާޠިނުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސް ކުރަން.

ހަމަ މިނޭވާގައި ނޮވެމްބަރ 3 ގެ އުދުވާނީ ޙަމަލާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ އެންމެހާ ޝަހީދުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުންއެދި ދުޢާ ދަންނަވާ ޙާލުގައި އެ ޝަހީދުންގެ ޢާއިލާތަކަށް ކެތްކެތެރިކަން ދެއްވައި، ހެޔޮ ގޮތްތައް މިންވަރު ކުރެއްވުންއެދި ދުޢާ ދަންނަވަން.

އާދެ! ނޮވެމަބަރ 3 ގެ އުދުވާނީ ޙަމަލާއަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން، މަދު ދިވެހި ޚާއިނުންތަކެއް ދިވެހި ޤައުމަށް ދީފައިވާ ވަރަށް ނުރައްކާތެރި އުދުވާނީ ހަމަލާއެއް. އެ ޙަމަލާގައި އެއްވެސް ކުށެއް ނެތް މަޢުޞޫލު އެތައް ފުރާނައެއް އަޅުގަނޑުމެންނާ ވަކިވެގެންދިޔަ. އެ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ލޮޅުންއެރި ދުވަހެއް. ބިރުވެރިކަމާއި ނާމާންކަމާއި ހިތާމައިގެ މޮޅިވެރި ސާލެއް ރާއްޖޭގައި ފެތުރިގެންދިޔަ ދުވަހެއް.

ހަމައެހެންމެ އެދުވަހަކީ މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ ޙައްޤުގައި ދިވެހި ދަރިންތަކެއް ކެރިގެން ޖިހާދުކުރި ދުވަހެއް. އެ އުދުވާނީ ހަމަލާގެ ދިފާޢުގައި ދިވެހި ސިފައިން ވަނީ ވަރަށް މަތިވެރި ޖިހާދެއްކޮށްފައި. ދީނާއި ޤައުމަށްޓަކައި އެ މުޖާހިދުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއާއި ޝަހީދުވެވަޑައިގެންނެވި އަބްޠާލުންގެ ޒިކުރާއަކަށް ދުވަހަކުވެސް ނިމުމެއް ނާންނާނެ.

ދިރިވާބައެކެ ޝަހީދުނީ ވިރިވާގޮތުން ފޮތުން، ލާތަހުސަބައްނަ އާޔަތަށް ވިސްނައިފި މީހަކަށް.

އާދެ! ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ލިބޭ ފިލާވަޅަކީ ﷲ ސުބުހާނަހޫ ވަތަޢާލާ، ނަޞްރު ދެއްވާނީ ޙައްޤަށްކަން. އަދި ޤައުމަށް ޣައްދާރުވާ އެއްވެސް ޚާއިނަކަށް މި ލޮބުވެތި ދިވެހި ފަސްގަނޑުން ދިވެހިން އެއްވެސް ފުރުސަތު ނުދޭނެކަން. މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ ޙައްޤުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހިން ވާނެކަން.

ޝައްކެއްނެތް ގޮތުގައި ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާގައި ދިވެހިންނަށް ނަޞްރު ލިބުނީ ދިވެހި އަސްކަރިއްޔާއިން ކުރި ޙިކުމަތްތެރި ޖިހާދާއެކުގައި މުޅި ދިވެހި އުންމަތް އިސްލާމް ދީނުގެ އަޤީދާގައި ސާބިތުވެ ތިބުމުން. ދިވެހިރާއްޖެ މިނިވަން ޤައުމެއްގެގޮތުގައި އޮތުމުގެ ސިއްރަކީ އިސްލާމް ދީން. އެހެންވީމާ، މާތްވެގެންވާ އިސްލާމް ދީން މިޤައުމުގައި ރައްކާތެރި ކުރެއްވުމަށް ﷲ ގެ ޙަޟަރަތުން ވާގި އެދޭ ހާލު، އިސްލާމް ދީނުގެ ތަރަހައިގެ މަތީގައި ދިވެހިންގެ ދިރިއުޅުން ބައްޓަން ކުރަންޖެހޭ.  

މިހާރުވެސް ޤައުމުގެ އަދުއްވުން ގެންދަނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން. އެހެންނަމަވެސް، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި އެމަނިކުފާނުގެ ނުގުޑާ، ވަރުގަދަ އަޒުމާއި ސާބިތުކަމަކީ ޤައުމުދެކެ ލޯބިވާ ކޮންމެ މީހަކު ފަޚުރުވެރިވާނެކަމެއް. އެމަނިކުފާނުގެ ޙިކުމަތުޢަމަލީއަށް ޠާޢަތާ އަދަބުވެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އަރިސް ކުރަން.

ބަވަނަވެފައިވާ ދުނިޔެއެއްގައި އަޅުގަނޑުމެން ދިރިއުޅެމުންދާއިރު އަޅުގަނޑުމެންގެ ހިތް ނޭދޭ އެތައްކަމެއް ހިނގަމުންދާނެކަން ޤަބޫލު ކުރަންޖެހޭ. ރާއްޖޭގައި ލާދީނީ ފިކުރާއި ހައްދުފަހަނައަޅައިދިއުމުގެ ފިކުރު ފެތުރުނަ ނުދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ. ލާދީނީ ފިކުރާއި ހައްދުފަހަނައަޅައިދިއުމުގެ ފިކުރު ފެތުރެންފެށި މިއަދަކު އިއްޔެއަކުނޫން. އެކަމުގައި ތާރީޚެއް އެބަ އޮތް. ރާއްޖޭގައި ލާދީނީ ފިކުރާއި ހައްދުފަހަނައަޅައިދިއުމުގެ ފިކުރު ފެތުރުން ކުޑަކުރެވޭނީ ރާއްޖޭގައި ދީނީ، އިޖުތިމާޢީ، ތަޢުލީމީ، އިޤުތިޞާދީ އަދީ ޤާނޫނުތައް ނެގެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްގެން.

ދިވެހިރާއްޖޭގައި އިސްލާމީ ވަޙުދަތާއި، ޤައުމީ ލޯބި އިތުރުކުރުމަށްޓަކައި ސަރުކާރުންވަނީ ޤައުމީ މަޝްރޫޢެއް ފައްޓަވާފައި. އެ މަސައްކަތް އިޚުލާޞްތެރިކަމާއެކު ކުރިއަށްގެންދަންޖެހޭ. ޤައުމު ދެކެ ލޯބިވުމާއި ޤައުމިއްޔަތަކީ ކޮބައިކަން ބުނެދޭންޖެހޭ. ޤައުމިއްޔަތަކީ ޤައުމުދެކެވާ ލޯތްބާއި އަމިއްލަ ޤައުމާމެދު ހިތުގައި އުފެދޭ ފަޚުރުވެރިކަމުގެ ޝުޢޫރު.

ޤައުމިއްޔަތު ދިރުވުމަށްޓަކައި ދީނަށް ޙުރުމަތްތެރިކޮށް ހިތައި، ދިވެހި ބަހަށް އިޙުތިރާމް ކުރުމާއި ޤައުމީ ބަސް ދިރުވަން މަސައްކަތް ކުރަންޖެހޭ. އާދަކާދައާއި ޘަޤާފަތަށް ލޯބި ކުރުމާއި އިޙުތިރާމް ކުރުމާއި އާދަކާދައާއި ޘަޤާފަތް ދިރުވަން މަސައްކަތް ކުރަންޖެހޭ.

ޤައުމު ދެކެ ލޯބިވުމަކީ ކިހާ މުހިންމު ކަމެއްތޯ؟ ކީރިތި ރަސޫލާ މައްކާ އަށް ޙަދީސް ކުރެއްވީ ތިބާއަކީ ތިމަންކަލޭގެފާނު އެންމެ ލޯބިފުޅުވާ ބިމޭ. އަދި މަދީނާ ދެކެ ލޯބިފުޅުވޭތޯ ކީރިތި ރަސޫލާ ދުޢާ ކުރެއްވި. މިކަމުން ޤައުމު ދެކެ ލޯބިވުމަކީ ކިހާ މުހިންމު ކަމެއްކަން އެނގޭ.

މިއަދަކީ ނަސްރުގެ ދުވަސް. މިއަދަކީ ދިވެހި ސިފައިން ޢަޒުމް އައު ކުރަންވި ދުވަސް. ދިވެހި ސިފައިން މިއަދު އާކުރަންވީ ޢަޒުމަކީ ނޮވެންބަރު 3 ގައި ޖިހާދު ކުރި ސިފައިންގެ ޢަޒުމު. ދީނާއި ޤައުމަށްޓަކައި ޤުރުބާންވާން ފަސްނުޖެހުމުގެ ޢަޒުމު. ދިވެހި ޤައުމަކީ މިނިވަން ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމުގެ މަތިވެރި ޢަޒުމު.

ޚިޔާލަށް ގެންނަވާ! ނޮވެމްބަރު 3 ގައި ސިފައިންގެ މައި މަރުކަޒުގެ ވަށައިގެން ދުޝްމަނުން ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ހަމަލާ މެދުން ދަނިކޮށް، ޤައުމުގެ ޙައްޤުގައި ޤައުމުގެ މިނިވްނަކަމުގެ ދިފާޢުގައި، އަސްކަރިއްޔާގެ މައި ގޭޓުން އެ ނިކުންނެވި މުޖާހިދުން ވަރުގަދަ އަޒުމު. އެ ޖިހާދު. އެއީ ދިވެހި ސިފައިންގެ ޤުރުބާނީއާއި އަޒުމު. އެ އަޒުމުގައި ދިވެހި ސިފައިން ދެމި ތިއްބަވާކަމަށްޓަކައި އައްސަރިބަހާއި ސާބަސް ދަންނަވަން.

މި ހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން ޤަޞްދު ކުރަން. ނިންމާލުމުގެ ކުރިން، މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓައި، ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ، ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ދިފާޢުކޮށް، ދިވެހި ދައުލަތާއި ރައްޔިތުންގެ ދިފާޢުގައި، ޤާނޫނުއަސާސީއާއި ސިފައިންގެ ޤާނޫނީ ވާޖިބު އަދާކުރެއްވުމުގައި، ސިފައިންގެ ސުލޫކީ މިންގަނޑުގެތެރޭގައި ދެމި ތިއްބެވުމަށް ދިވެހި ސިފައިންނަށް އަޅުގަނޑު ދޭ ނަޞޭޙަތް ތަކުރާރު ކުރަން.

 

އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ މިނިވަން ޤައުމެއްގެގޮތުގައި މާތްﷲ ސުބުހާނަހޫ ވަތަޢާލާ ދިވެހިރާއްޖެ ތާއަބަދަށްމެ ލެއްވުން. ދިވެހިންގެ ފަޚުރާއި ޝަރަފުކަމުގައިވާ ދިވެހި ދިދަ، ދިވެހި ޖައްވުގައި އަބަދުވެސް މިނިވަން ވަޔާއެކު ވިހުރެމުން ދިއުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަށް ނަޞްރާއި ނަސީބު މިންވަރު ކުރެއްވުން. އާމީން. ކުރިއަށް ދިވެހި ޤައުމު ކުރިއަށް ދިވެހި ސިފައިން. ވައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު.