ބްލޮގް


ފާހަގަކޮށްލެވޭ ތަޤުރީރުތަކާއި ޚަބަރުތައް

ދިވެހިރާއްޖޭގެ 30 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްކި ވާހަކަ

ދިވެހިރާއްޖޭގެ 30 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްކި ވާހަކަ : ކަޅުތުއްކަލާކޮށި، 3 ނޮވެންބަރު 2018

ޙަމްދާ ޝުކުރު ކުރަނީ ޙައްޤަށް ނަޞްރާއި ފަތަޙަ ދެއްވާ ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ މުސްލިމުންގެ ސިލްމާއި ސަލާމަތެއްކަމުގައިވި ކައު ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. އަޅުގަނޑުގެ މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރަން.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު، ނިޝާން އަސްކަރީގެ ޢިއްޒަތުގެ ވެރިޔާ މޭޖަރ ޖެނެރަލް (ރޓޑ) އާދަމް ޒާހިރު، ޖެނެރަލް އޮފިސަރުން، ކޮމާންޑަރުން، ހިތްވަރުގަދަ ދިވެހި ސިފައިން، ސިފައިންގެ އިސް ޚިދުމަތްތެރިން، ސިފައިންގެ ލޮބުވެތި ޢާއިލާތަކުގެ މެންބަރުން، ލޮބުވެތި އަޚުންނާއި އުޚުތުން.  السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ނަޞްރުގެ ދުވަސް. އަޅުގަނޑުމެން މިރޭ އިޙުތިފާލު ކުރަމުން މިދަނީ ނަޞްރުގެ ދުވަހުގެ ޤައުމީ ޖަލްސާ. މި މުނާސަބަތުގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ދެކަނބަލުންނަށާއި ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސް ކުރުން.

ޚާއްޞަގޮތެއްގައި، މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓައި، ދިވެހި ދައުލަތުގެ ޝާނާއި ޝައުކަތު ނަގަހައްޓައި، ދިވެހި ލޮބުވެތި ރައްޔިތުންގެ ދިފާޢުގައި ޖާނާއި މާލުން ޤުރުބާންވަމުންދާ ހިތްވަރުގަދަ ދިވެހި ސިފައިންނަށާއި ސިފައިންގެ ލޮބުވެތި ޢާއިލާތަކަށް، ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސް ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް.

ހަމަ މި ފުރުޞަތުގައި ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި އަޅުގަނޑުމެންނާ ވަކިވެދިޔަ އެންމެހާ ޝަހީދުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުންއެދި ދުޢާ ދަންނަވަމުން، ޝަހީދުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، ހެޔޮ ގޮތްތައް މިންވަރު ކުރެއްވުންއެދި ދުޢާ ދަންނަވަން.

އާދެ! ނޮވެންބަރ 3 ގެ ޢުދުވާނީ ހަމަލާއަކީ ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން، ޒާތީ ތަޢައްޞަބުން ފުރިގެންވާ މަދު ދިވެހި ޚާއިނުންތަކެއް ދިން ވަރަށް ނުރައްކާތެރި ހަމަލާއެއް. 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލުގައި ރެނދު އެޅުނު ދުވަހެއް. ބިރުވެރިކަމާއި ނާމާންކަމާއި ހިތާމައިގެ މޮޅިވެރި ސާލެއް ރާއްޖޭގައި ފެތުރިގެންދިޔަ ދުވަހެއް. އެއްވެސް ކުށެއް ނެތް މަޢުޞޫލު އެތައް ފުރާނައެއް އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ދުވަހެއް.

ނޮވެންބަރ 3 ގެ ޢުދުވާނީ ހަމަލާއިން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމަށްޓަކައި ދިވެހި ސިފައިން ވަނީ ވަރުގަދަ ޖިހާދެއް ކުރައްވާފައި. ހަމައެހެންމެ އެ ޢުދުވާނީ ހަމަލާއިން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމަށްޓަކައި ރައީސް، އަލްއުސްތާޛު މައުމޫން ޢަބަދުލްޤައްޔޫމް ވަނީ ވަރަށް ޙިކުމަތްތެރިކަމާއެކު މަސައްކަތް ކުރައްވާފައި. އަދި އެކުވެރި އިންޑިއާގެ އެހީތެރިކަން ވަރަށް އަވަހަށް ދިވެހިރާއްޖެއަށް ލިބިގެން ދިޔަކަން ފާހަގަ ކުރަން. އެ އެންމެހާ ފަރާތްތަކަށް ޙައްޤު ޝުކުރު އަރިސްކުރަން.

އަދި އެދުވަހު ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ސާބިވެތިބި ޢަޤީދާގެ މަތިވެރިކަމާއި، ﷲ ސުބުޙާނަހޫ ވަތަޢާގެ ޙަޟުރަތުން ވާގިއެދިތިބެ ކުރަމުންދިޔަ ދުޢާއާއެކު، މާތް ﷲ ގެ ނަޞްރާއި ފަތަޙަ، ދިވެހިންނަށް ލިބުނުކަން ހިތްމައްޗަށް ގެނެސް، އެކަލާނގެ ޙަޟުރަތަށް ތަކުރާތުކޮށް ޙަމްދާއި ޝުކުރު ކުރަން.

އާދެ! ނަޞްރުގެ ދުވަސް އަޅުގަނޑުމެން މިފާހަގަކުރަނީ މީގެ 30 އަހަރު ކުރިން ހިނގާދިޔަ ޢުދުވާނީ ހަމަލާގެ ހަނދާންތައް އައުކުރަމުން.

"ދިވެހި ޤައުމަށް ނަޞްރު އެދިގެން ޖިހާދުގެ ކަމަރު ބަނދެލައިގެން

ދިވެހި ވަޠަނަށް ޒުވާން ލޭފޮދު ހިތާއި ރޫޙުން ވެދުން ކުރިޔޭ

ދެލޯ ކަރުނުން އެކީ ފުރެޔޭ އެ މަންޒަރު ސޫރަވާން ފެށުމުން

ވި ލޯބިން ދިވެހި ޤައުމާމެދު ފިދާވިގޮތުން ވަކިން ރޮވެޔޭ"

އާދެ! އެ ހަމަލާގެ ފަހުން މިވޭތުގެ ދިޔަ ދުވަސްތަކުގައި ދިވެހި ޤައުމު މިވަނީ ނޮވެންބަރ 3 ގެ ޢުދުވާނީ ހަމަލާފަދަ އެތައް ކަމެއް ތަޖުރިބާކޮށްފައި. ވެރިކަމުގައި ހުންނަވާ ވެރިޔަކަށް އަތުވެދާނެ ނުވަތަ ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއަކުން ސަލާމަތްވުމަށް އަބަދުވެސް އޮތީ މަސައްކަތް ކުރަންޖެހިފައި. އޭގެތެރެއިން އެންމެ ނުރައްކާތެރި ހާދިސާތައް ހިނގާފައިވަނީ މިހާރު ހިނގަމުންމިދާ ރިޔާސީ ދައުރުގައި.

އެ ހާދިސާތަކުން ޤައުމު ސަލާމަތް ކުރެއްވުމަށްޓަކައި ސިފައިންގެ އެންމެމަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ބޭނުން ކުރެއްވި ޙިކުމަތުޢަމަލީއާއި އެމަނިކުފާނުގެ ނުގުޑާ އަޒުމާއި ސާބިތުކަމަށްޓަކައި، އެމަނިކުފާނަށް، އާދެ! ސިފައިންގެ އެންމެމަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމަށް ތަހުނިޔާ ދަންނަވައި އައްސަރިބަހާއި ސާބަސް ރައްދުކުރަން.

ޤައުމަށް ދިމާވި އެ ޙުޠޫރަތްތެރި ދަނޑިވަޅުތަކުގައި، ދިވެހި އަސްކަރިއްޔާގެ ހަރުދަނާކަމާއި ސާބިތުކަމާއި ހުޝިޔާރުކަން ދިވެހި ސިފައިން ވަނީ މި ލޮބުވެތި ވަޠަނަށް ދައްކައިދީފައި. ސިޔާސީ ނުފޫޒުން އެއްކިބާވެ، ޤައުމު އިސްކުރައްވައި، ދިވެހި ސިފައިން ވަނީ އެތައް އަނދަވަޅަކަށް ވެއްޓުނަނުދީ، މި ލޮބުވެތި ދިވެހި ޤައުމު ސަލާމަތްކޮށްދެއްވާފައި. އެކަމަށްޓަކައި ދިވެހި ސިފައިންނަށް ދިވެހި ޤައުމު ދަރާފައިވާ ދަރަނި ބޮޑު. އަދާކުރަންޖެހޭ ޝުކުރުގެ ޖިޒީތައް ގިނަގުނަ.

އާދެ! ދިވެހިރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ނުރައްކާވެ، ޤައުމުގައި ހަމަނުޖެހުން ހިންގައި، ޢުދުވާނީ ހަމަލާތައް ރާއްޖެއަށް ކުރިމަތިވެފައިވަނީ ވެރިކަމުގެ ކޮއެލުތެރޭގައި ނުވަތަ ވެރިކަންކުރާ ޚާންދާންގެ ތެރޭގައި ނުވަތަ ވެރިކަމަށް ދަހިވެތިވެފައިވާ ފަރާތްތަކާ ދެމެދު އުފެދޭ ފިތުނަވެރިކަމުގެ ތެރެއިންކަން ފާހަގަ ކުރެވޭ. މިފަދަ ދުވަހެއްގައި ތަފާތު ނަޒަރަކުން ރާއްޖޭގެ މިނިވަންކަމަށް މިއަދު ކުރިމަތިވަމުންދާ ކަންކަމާމެދު ފިކުރު ހިންގާލަމާތޯ!

ޝައްކެއް ނެތްގޮތުގައި، ދުނިޔޭގައި ވެރިކަން ހޯދުމަށްޓަކައި ނުވަތަ ވެރިކަން ބަދަލު ކުރުމަށްޓަކައި، ވަގުތާއި ޙާލަތާ ގުޅޭގޮތުން އެކިފަހަރު ބޭނުންކުރަނީ އެކި އުކުޅު. ގިނަ ފަހަރަށް އެކަންކަން ކުރަނީ އެ ޤައުމަކާމެދު ޙަސަދަވެރިވާ ޖަމާޢަތެއްގެ ނުވަތަ ޤައުމެއްގެ ހީލަތްތެރިކަމުގެ ދަލުގައި މީހުން ޖައްސުވައިގެން. ހުޅަނގުގެ ޑިމޮކްރަސީއާއި ޙައްޤުތަކުގެ ވާހަކަތައް ދައްކައިގެން. ޚުދުމުޚުތާރުކަމާއި އަނިޔާވެރިކަމާއި މިނިވަންކަން ކުޑަވުމުގެ ބަހަނާ ދައްކައިގެން.

21 ވަނަ ޤަރުނުގެ ބަވަނަވެފައިވާ މިޒަމާނުގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި ބޮޑެތި ޤައުމުތަކުން، ކުދި ޤައުމުތަކުގެ ޙާޟާރަތްތައް ބަލިކަށިކޮށްލައި، ޤައުމު އަޅުވެތިކުރުމަށް އެންމެ ބޮޑަށް ބޭނުން ކުރަމުންދާ އެއް އުކުޅަކީ އެ ޤައުމުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވައި، ޤައުމުގައި ހަމަނުޖެހުން އުފައްދައި، ސިޔާސީގޮތުން ޤައުމު ހަލަބޮލިކޮށް، ޤާނޫނީ ވެރިކަން ބަދަލު ކުރުމަށް ހިތްވަރުދީ، ވާގިވެރިވުން.  

އިސްލާމީ، ވަޠަނީ ނުވަތަ ޤައުމިއްޔަތު ދަމަހައްޓާ، ޤައުމުތަކުގެ ވެރިންނާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ގެންގުޅެނީ ހިޔަޅުގެ ބުއްދި. ޚާއްޞަކޮށް މިނިވަން އިސްލާމީ ކުދި ޤައުމުތަކާމެދު ބާރުގަދަ ޤައުމުތަކުން ޢަމަލުކުރަނީ ކަނޑުގެ އުޞޫލުން. ބޮޑެތި ޤައުމުތައް އަޑީގައި ތިބެގެން، ދުނިޔޭގެ އިސްލާމީ ހަރުދަނާ ޒަޢީމުން އެކަހެރިކޮށް، އަޒުލު ކުރަމުންދަނީ މި މަޤުޞަދުގައި. އިރާޤާއި ލީބިޔާފަދަ ޤައުމުތަކަކީ މިދެންނެވި ބަހުގެ ބައެއް މިސާލުތައް.  

ދިވެހިރާއްޖެފަދަ ކުދި ޤައުމުތައް ނިކަމެތިކޮށްލައި، ސަރުކާރުތައް ބަލިކަށިކޮށްލައި، ވެރިންގެ އަބުރު ކަތިލައި، މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލައި، އެފަރާތްތަކާބެހޭގޮތުން ހަދައިގެން ދައްކާ ދޮގު ވާހަކަތަކަކީ ތެދު މަޢުލޫމާތުކަމަށް ވިސްނައިދިނުމުގެ ސަޤާފަތެއް ދުނިޔޭގައި މިހާރު ވަނީ އުފެދިފައި. އަދި މަޢުޞޫމު މީހާގެ ޙައްޤަށްވުރެ ޒާލިމުންނާއި ސިޔާސީ މީހުންގެ ޙައްޤުތަކުގެ ތަރަހަ ފުޅާކަމަށް ވަކާލާތުކުރާ ތަން ދަނީ ފެންނަމުން.

ވިސްނަވާލައްވާ! ރާއްޖޭގެ ޖަލުތަކުގައި ތިބީ ހަމައެކަނި ސިޔާސީ މީހުންތޯ؟ ހަމައެކަނި ވަކި ބައެއްގެ ޙައްޤުތަކުގެ ވާހަކަ ދައްކާފައި ދެންތިބި މީހުންގެ ޙައްޤުތަކާއި އިމްތިޔާޒުތަކުގެ ވާހަކަތައް ނުދައްކާ ހިމޭނުން ތިބުމަކީ އިންސާފުތޯ؟ އެއްވެސް ކުށެއްނެތި މަގުމަތީގައި އުޅެނިކޮށް މަރާލާފައިވާ މީހުންނަށް އިންސާފު ލިބުން ލަސްވަމުންދާތީ ކަންބޮޑުނުވަނީ ކީއްވެތޯ؟ ޤާނޫނުގެ ކުރިމަތީގައި ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއް. ހުރިހާ މުއައްސަސާތަކުން އެކަން ކަށަވަރުކޮށްދޭނަމަ ކިހާ ރަނގަޅުތޯ؟  

އެހެންނަމަވެސް، ހަމައެކަނި ތިމާ ބޭނުންވާ ކަންތައްތައް، ޙާޞިލު ކުރުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަންކުރުމަށް ދެވިހިފުމުގެ ސަބަބުން، މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ ސިޔާދަތާއި ރައްޔިތުންގެ މަޞްލަޙަތުތަކަށް ނުރައްކާވާ މިންވަރަށް ރާއްޖޭގެ ގިނަ ކަންކަން މިހާރު މިވަނީ ޚަރާބުވެފައި. މާއްދިއްޔަތާއި ނުފޫޒުގެ ބޭނުންކޮށްގެން، ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ބަދަލުގެނެވިދާނެކަމުގެ އިންޒާރުގެ ރަނގަބީލު މިއަދު ރާއްޖޭގައި ދަނީ ޖެހެމުން.

ނަޒާޙަތްތެރިކަމާއި އިންޞާފުގެ ތިލަފަތުގެ މީޒާނަކީ އަދި އަނިޔާއާއި ބޭއިންޞާފުގެ ހަންމުށި ހުއްޓުވައިދެނީ ކޮރަޕްޝަނާއި މާއްދިއްޔަތާއި ނުފޫޒުން ކަމަށް ޤަބޫލުކުރަންޖެހޭފަދަ މަންޒަރުތައް އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން.

ބިރުވެތިވާ މިންވަރަށް ކޮރަޕްޝަނާއި މާއްދިއްޔަތާއި ނުފޫޒުގެ ނޭދެވޭ އަސަރު ރާއްޖެއަށް ދަނީ ކުރަމުން. މިއީ ހަމައެކަނި މިއަދަކު ރާއްޖޭގައި ހިނގަމުންދާ ކަމެއް ނޫން. މިވާހަކަ އަޅުގަނޑު މިއަންނަނީ ކުރިންވެސް ދައްކަމުން.  

އާދެ! ކޮރަޕްޝަން ޢާންމުވުމުގެ ސަބަބުން، މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ ސިޔާދަތާއި ރައްޔިތުންގެ މަޞްލަޙަތުތައް ޙިމާޔަތް ނުކުރެވޭ ހިސާބަށް ބައެއް ފަރާތްތަކުގެ އަމަލުތައް މިވަނީ ގޮސްފައި. މިދެންނެވިފަދަ ޢަމަލުތައް ތަކުރާރުވަމުންދަނީ ތިމާގެ ވިސްނުމާއި ފިކުރާއި ޢަޤީދާ ބަލިކަށިވެ، ޢާންމު އުޞޫލުތަކާއި ހަމަތަކާއި ޤާނޫނީ އިމުން ބޭރުވެ، ތިމާގެ އަބުރާއި ޢިއްޒަތާއި ޝަރަފު ވެއްޔާ މޮޑެލައި، އަމިއްލަ އެދުމާއި ދަހިވެތިކަން އިސްކުރުމުން.

މިމައްސަލަ ޙައްލު ކުރުމަށްޓަކައި، ދައުލަތުގެ ހުރިހާ މުއައްސަސާތަކުންނާއި ރައްޔިތުންގެ ޚާދިމުންނާއި އަމިއްލަ ޖަމިއްޔާތަކުންނާއި ވަކިވަކި ފަރުދުން، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ، ނަޒާހަތްތެރިކަމާބެހޭ ނިޒާމްތައް އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަން މަދުކޮށް، ނުފޫޒުގެ ބޭނުން ކުރުން ހުއްޓާލުމަށް އައު ހިތްވަރަކާއެކު މިއަދު މިވަނީ މުޅި ޤައުމު މަސައްކަތް ކުރަންޖެހިފައި. އެހެންނޫނީ އިސާހިތަކު ދިވެހިންގެ ސިޔާދަތު ގެއްލިދާނެ، ދިވެހިން އަޅުވެތިވެދާނެ.

އާދެ! މިއަދަކީ ނަޞްރުގެ ދުވަސް. މިއަދަކީ ދިވެހިން ޢަޒުމު އާކުރަންވީ ދުވަސް. ދިވެހިން މިއަދު އާކުރަންވީ ޢަޒުމަކީ މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިޤުލާލާއި ރައްޔިތުންގެ މަޞްލަޙަތުތަކަށް ރައްކާތެރިވުމަށްޓަކައި ކޮރަޕްޝަނާ ދުރުހެލިވެ، ނުފޫޒުން އެއްވެސް ކަމެއް ނުކުރުމުގެ މަތިވެރި އަޒުމު. މި ޢަޒުމު ތިޔަ އެންމެހާ ދިވެހި މުވާޠިނުން އައު ކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އިލްތިމާސް.

މި ހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން ޤަޞްދު ކުރަން. އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ މިނިވަން ޤައުމެއްގެގޮތުގައި މާތްﷲ ސުބުހާނަހޫ ވަތަޢާލާ ދިވެހިރާއްޖެ ތާއަބަދަށްމެ ލެއްވުން. ދިވެހިރާއްޖެއަށް ނަޞްރާއި ނަސީބު މިންވަރު ކުރެއްވުން. އާމީން. والسّــلام عليــكم ورحـمــة اللّـه وبـركاتـه،

ޑިފެންސް މިނިސްޓަރ

3 ނޮވެންބަރު 2018