ބްލޮގް


ފާހަގަކޮށްލެވޭ ތަޤުރީރުތަކާއި ޚަބަރުތައް

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވަދާޢީ ބައްދަލުވުން

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވަދާޢީ ބައްދަލުވުން : ކަޅުތުއްކަލާ ކޮށި، 15 ނޮވެންބަރު 2018

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين

(އެޑްރެސް ކުރުން)

އާދެ، މިރޭ އަޅުގަނޑު ތިޔަ އެންމެހާ ފަޚުރުވެރި ސިފައިންނާ މިބައްދަލުކޮށްލީ ވޭތުވެދިޔަ 3 އަހަރެއްހާ ދުވަހު ތިޔަ ބޭފުޅުންނާއެކު ޚިދުމަތް ކުރުމަށްފަހު، ދުސްތޫރީގޮތުން ވަކިވުމުގެ ވަގުތު ޖެހުމާއެކު، ތިޔަ ބޭފުޅުންނާ ޙިއްޞާކޮށްލަން ބޭނުންވާ ބައެއް ކަންކަން ޙިއްޞާ ކޮށްލުމަށް. މި ބައްދަލުވުން އިންތިޒާމުކޮށްދެއްވިކަމަށްޓަކައި ސިފައިންގެ ހިންގުންތެރި ވެރިންނަށާއި މިކަން އިންތިޒާމް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އެންހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! ދިވެހި ސިފައިންނާއެކު ޤައުމަށް ޚިދުމަތް ކުރުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ޝަރަފެއް، ވަރަށްބޮޑު ފަޚުރެއް. ދިފާޢީ ވަޒީރުގެ ހައިސިއްޔަތުން އަޅުގަނޑު މިހޭދަކުރީ ވަރަށް ގިނަ ފިލާވަޅުތަކެއް، ވަރަށް ގިނަ އިބުރަތްތަކެއް ލިބުނު، ވަރަށް ކާމިޔާބު 3 އަހަރު. ސިފައިންނާއެކުގައި ޤައުމަށް ޚިދުމަތް ކުރެވުނުކަމީ އަޅުގަނޑު އުފާކުރާކަމެއް.

އަޅުގަނޑު މަސައްކަތް ކުރީ ދިވެހި އަސްކަރިއްޔާ އިތުރަށް ހަރުދަނާ ކުރުމުގެ ވަރުގަދަ އަޒުމުގައި. ދިވެހި ތިޔަ ހިތްވަރުގަދަ ސިފައިންނާއެކުގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުގައި ދަސްވި ކަންކަމާއި އުފާވެރި ހަނދާންތަކުން އަބަދުވެސް އަޅުގަނޑުގެ ކުރިމަގު އުޖާލާކޮށްދޭނެ. މުސްތަޤުބަލުގައި، ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގައި، މިހާރަށްވުރެވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގައި އަޅުގަނޑު ދެމިހުންނާނަން.

ދިފާޢީ ވަޒީރުގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް އަޅުގަނޑަށް ކުރެއްވި އިތުބާރާއި ދެއްވި އިރުޝާދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރާއި ވައިސްޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންނާއި ތިޔަ އެންމެހާ ފަޚުރުވެރި ދިވެހި ސިފައިން ދެއްވި ފުރިހަމަ އެއްބާރު ލެއްވުމާއި އެހީތެރިކަމާއި ކުރެއްވި އިތުބާރާއި އިޙުތިރާމަށްޓަކައި އަޅުގަނޑު ހިތުގެ ފުންމިނުން، ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދިވެހި އަސްކަރިއްޔާއަކީ ހަރުދަނާ އުޞޫލުތަކެއްގެމަތިން ހިނގަމުން އައިސްފައިވާ މުއައްސަސާއެއް. ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން މަލްޓިޕާޓީ ޑިމޮކްރަސީ ނިޒާމް ރާއްޖޭގައި ތަޢާރަފުވުމާއި އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު، ސިޔާސީ މަޝްރަހު ހަލަބޮލިވެ، ޤައުމު ހިންގަމުން އައި ނިޒާމު ބަދަލުވުމާއެކު، އެ ބަދަލަށް ޤައުމު ހޭނެމުން ދިޔައިރު ގިނަގުނަ ގޮންޖެހުންތަކެއް މުޅި ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށް ކުރިމަތިވި. ޚާއްޞަކޮށް، ޑިފެންސް މިނިސްޓްރީ ހިންގުމާ އަޅުގަނޑު ޙަވާލުވި ދުވަސްވަރަކީ ސިޔާސީގޮތުން ވަރަށް ހަލަބޮލި، ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާ، އަސްކަރިއްޔާއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ދުވަސްވަރެއް.

ސިޔާސީ ނުފޫޒު ނުވަންނާނެގޮތަކަށް އަސްކަރިއްޔާ ހިންގުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޤާނޫނު އަސާސީގެ 105 ވަނަ މާއްދާއިން ލާޒިމު ކުރާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ދިވެހި ސިފައިން ކުރަންޖެހޭ ކަމެއްގެގޮތުގައި ސަރުކާރުތަކުން ހަމަޖައްސާފައި އޮތުން. އަދި ޤާނޫނު އަސާސީގެ 239 ވަނަ މާއްދާގެ (ށ) އިން ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެކަމަށް ބަޔާންކޮށްފައި އޮތުން.

ނަމަވެސް، މާތް ﷲ ގެ ވާގިފުޅާއެކު، އަޅުގަނޑު ދިވެހި އަސްކަރިއްޔާ ހިންގަމުން މިއައީ، އަސްކަރިއްޔާއަށް ސިޔާސީ ނުފޫޒު ނުވައްދާ، އިޞްލާޙީ ބަދަލުތައް ގެންނަމުން. ނަތީޖާއެއްގެގޮތުން، ދިވެހި އަސްކަރިއްޔާގެ ތަސައްވުރު މިއަދު ވަނީ ރަނގަޅު ކުރެވިފައި. ދިވެހި ސިފައިންގެ ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ފަޚުރުވެރި ޚިދުމަތެއް.

ދިވެހި އަސްކަރިއްޔާ ހަރުދަނާ ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވުނު ކަންކަމުގެ ތެރޭގައި ރިޓަޔަމަންޓް ޤަވާޢިދަށް ޢަމަލުކުރަން ފެށުން ހިމެނޭ. މިކަމުގެ ސަބަބުން އަސްކަރިއްޔާގެ ދުޅަހެޔޮކަން އިތުރުވެފައިވޭ. މިވޭތުވެދިޔަ 3 އަހަރު ދުވަހުތެރޭގައި 2004 ބޭކަލުންނަށް ވަނީ ޕްރޮމޯޝަން ދީފައި، 3425 މުސާރައިގެ ކުރިއެރުން އަދި 3590 ޝަރަފުގެ ނިޝާން ދީފައި.  

މިވޭތުވެދިޔަ 3 އަހަރެއްހާ ދުވަހުގެތެރޭގައި ދިވެހި އަސްކަރިއްޔާއަށް ގެނެވުނު މުހިންމު ކުރިއެރުންތަކަށް ބަލާއިރު، ކައްދޫގައި އިސްކަންދަރު ވައިގެ ބަނދަރު ޤާއިމުކުރުމާއި އެމް.އެން.ޑީ.އެފް ނޮދަން އޭރިއާގެ ހެޑްކްއޯޓަރޒް ޅ. މާފިލާފުއްޓަށް ބަދަލުކުރުމާއި، ސީއެންބިއުލާންސްގެ ޚިދުމަތް ހަރުދަނާކުރުމާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ޤާއިމު ކުރެވުނުކަން ފާހަގަކުރަން. އަދި ފާސްޓް އިންޓަސެޕްޓް ވެސެލް ގެ 5 ލޯންޗު ހޯދުމުގެ އިތުރުން، މިހާރު ހުރި ބޮޑެތި ބައެއް އުޅަނދުތައް ރީފިޓް ކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސިފައިވޭ.

ބަންޑާރަކޮށީގައި ޢިމާރާތް ކުރެވުނު 9 ބުރީގެ އިމާރާތް މިހާރު ދަނީ ބޭނުން ކުރަމުން. ހަމައެހެންމެ، އދ މާމިގިއްޔާއި ފ. ނިލަންދޫއާއި ގދ. ތިނަދޫގައި ފަޔަރ އެންޑް ރެސްކިއު ޚިދުމަތްދޭނެ ޢިމާރާތެއް ވަނީ ޤާއިމު ކުރެވިފައި. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ މެދުވެރިކޮށް، ބޭރުގެ އެހީގެދަށުން، 9 މިލިއަން ޔޫ.އެސް ޑޮލަރގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ބޭނުންވާ އުޅަނދުތަކާއި އާލާތްތައް ހޯދިފައިވޭ.

ސިފައިންގެ ވެލްފެއަރގެ ކަންކަމަށް ބަލާއިރު، މާލެއާއި އޭރިއާ ކޮމާންޑްތައް ހިމެނޭގޮތުން، ސިފައިން ބޭނުންކުރާ ފަރނީޗަރ އައުކޮށް، ފެންޑާތަކުގެ ހާލަތު ރަނގަޅުކޮށް، ފެންޑާތައް އެއަރކޯން ކުރުމުގެ މަސައްކަތްތަކުގެ ބޮޑުބައި މިހާރު ވަނީ ނިމިފައި. ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޭނުންވާ ބޭސްފަރުވާގެ ކަންތައްތައް ލުއި ފަސޭހަކަމާއެކު ރަނގަޅު ފެންވަރެއްގައި ހަމަޖައްސައިދިނުމަށާއި ތަރައްޤީ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވި، ހެޔޮ ބަދަލުތަކެއް ވަނީ ގެނެވިފައި. މިގޮތުން ބޭސްފަރުވާގެ ޚިދުމަތް ދިނުމުގައި ކުރިންހުރި ފަރަގު ނުވަތަ ތަފާތު ނައްތާލައި ސަރުކާރުން އެ ޚިދުމަތް ފޯރުކޮށްދޭ އެހެން މުއައްސަސާތަކުން ދެވޭ ޚިދުމަތް ދޭން ފެށުނުކަން ފާހަގަކުރަން. އަދި ސިފައިންނަށް ލިބޭ ނޮންޕްރެކްޓިސް އެލަވަންސް ވަނީ ބޮޑު ކުރެވިފައި.

އަޅުގަނޑު ޑިފެންސް މިނިސްޓްރީއާ ޙަވާލުވިއިރު ސިފްކޯ ހިޔާ މަޝްރޫޢުވަނީ އިމާރާތްތަކުގެ ބިންގާ ނޭޅެނީސް ހުއްޓިފައި. ނަމަވެސް ސަރުކާރުގެ ވަރަށް ބޮޑު މާލީ އެހީތެރިކަމާއެކު 3 ޓަވަރގެ ކޮންކްރީޓް ސްޓްރަކްޗަރ ނިމި، ފާރުތައް ރޭނުމުގެ މަސައްކަތް ކުރިއަށްދާކަން އަޅުގަނޑު ފާހަގަ ކުރަން. އެކަމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓް ކުރެވޭނެގޮތެއް ނެތި މަޝްރޫޢު ފަށާފައި އޮތުމާއި ސިފްކޯ ނުވަތަ ސިވެކަށް ބޭންކުތަކުން ލޯނު ނުލިބުން. އެކަން ހައްލު ކުރުމަށްޓަކައި ސިފައިންގެ އެކުވެރި ކުންފުނި މިހާރު ވަނީ އުފައްދާފައި. ސައުދީ ޢަރަބިޔާއިން ދެއްވާނެކަމަށް ވިދާޅުވި 50 މިލިއަން ޑޮލަރ ލިބުނުނަމަ އެ ފްލެޓްތައް ނިންމާ ލެވުނީސް.

ދިވެހި އަސްކަރިއްޔާގައި ފިކުރީ މަޖިލީހެއް (ތިންކް ޓޭންކް) އުފައްދައި ސިފައިންގެ ޤާނޫނަށް އިޞްލާޙު ހުށަހަޅައި، އަސްކަރީ އަދާލަތުގެ ބިލާއި ޤައުމީ ސަލާމަތާބެހޭ ބިލާއި އަދި ނޭޝަނަލް ސާރވިސް ބިލެއް ތައްޔާރުކޮށް، އެ ޚިދުމަތްތައް ތަޢާރަފު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ވާނީކޮށްފައި. ނަމަވެސް ސިޔާސީ އޮއެވަރުގައި ޤައުމީ ނައު ބެހެންފެށުމުގެ ސަބަބުން އެކަންކަން އަޅުގަނޑުމެން ބޭނުންވި އަމާޒަށް ވާސިލެއް ނުވި. އެހެން ނަމަވެސް އަޅުގަނޑު އުންމީދުކުރަނީ އެ ބިލްތައް ވުޖޫދުވެ ޚާއްޞަކޮށް އަސްކަރީ ކޯޓް އުފެދޭނެކަމަށް.

އާދެ! ޤައުމު ދިފާޢު ކުރުމުގެ އިތުރުން ޤައުމު ބިނާ ކުރުމުގައިވެސް ސިފައިންގެ ދައުރު އަބަދުވެސް އޮވޭ. މިހާރު އަޅުގަނޑުމެން މިވަނީ ޤައުމު ބިނާކުރުމުގައި ސިފައިންގެ ދައުރު ފުޅާކޮށްފައި. ސްކޫލް ދަރިވަރުންނާއި ޒުވާނުންނަކީ ޤައުމަށް ވަފާތެރި، ތަރުބަވީ، ހިންގުމުގެ ހުނަރު ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި އޭރިޔާ ކޮމާންޑްތަކުން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން.

މިހުރިހާ ކަންކަމެއްވެސް ކުރެވިފައިމިވަނީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ލަފާފުޅާއި އިރުޝާދުފުޅާ އެއްގޮތަށް އެމްއެންޑީއެފުގެ ލީޑަރޝިޕުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމާއެކުގައި. އަދި މިމަސައްކަތްތައް ކުރުމުގައި އަޅުގަނޑުގެ ލޯބިވާ އާއިލާގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުން ނުހަނު ބޮޑު.

އާދެ! ކުޑަވެސް ޝައްކެއް ނެތްގޮތުގައި ދިވެހި ސިފައިންނަކީ ޤައުމަށް ދިމާވާ ކޮންމެ ކަމަކަށް ކެރިގެން ކުރިމަތިލާ، ވަރަށް ޒިންމާދާރު ލަޝްކަރެއް. ދިވެހި ސިފައިންނަކީ ވަރަށް މަސައްކަތްތެރި ހުނަރުވެރި، ޤާބިލު ލަޝްކަރެއް، ހުރިހާ ދާއިރާއަކުން މީހުން ތަމްރީނު ކުރެވިފައިވާ ލަޝްކަރެއް. ކޮންމެ ދާއިރާއަކުންވެސް ޤައުމު ކުރިއަށްގެންދެވޭފަދަ ޤާބިލުކަން ދިވެހި އަސްކަރިއްޔާގައި މިއަދު ހުރިކަމީ އަޅުގަނޑުމެން ހަމަ ކޮންމެ ދިވެއްސަކުމެ ފަޚުރުވެރިވާންޖެހޭކަމެއް.

މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި ދިވެހި ރައްޔިތުންނާއި ޤާނޫނު އަސާސިއާއި ދައުލަތުގެ ދިފާޢުގައި ދިވެހި ސިފައިންގެ ފުރާނަ ޤުރުބާންކޮށްލާކަށްވެސް ފަހަތަކަށް ނުޖެހޭނެކަން އަޅުގަނޑު ޤަބޫލުކުރަން. ޤައުމަށް ދިމާވާ ކޮންމެ ބޮޑުކަމެއްގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރިވަނީ ދިވެހި ސިފައިންކަމަށް އަޅުގަނޑު ހެކިވަން.  

ދިވެހި އަސްކަރިއްޔާގެ ސަފުތައް މިއަދު މިއޮތީ ވަރަށް ބަދަހިކަންމަތީގައި. ޣައްދާރުންގެ ރޭވުމަކުން، ޚިޔާނާތްތެރިންގެ މަކަރުވެރިކަމަކުން މިލަޝްކަރުގެ ބަދަހި ސަފުތައް ފޫއަޅުވައެއް ނުލެވޭނެ. މާދަމާވެސް ދިވެހި ސިފައިންގެ ޢަޒުމަކަށް ވާންވާނީ، ޤައުމީ ޚިދުމަތުގައި އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، އަސްކަރީ އަޚުލާޤުގެ މަތިވެރި ސިފަތަކުން ޒީނަތްވެ، މާތްވެގެންވާ އިސްލާމް ދީނާއި، ޤާނޫނު އަސާސީ ޙިމާޔަތް ކުރުމާއި، ރައްޔިތުންނަށް ޚިދުމަތްކޮށްދިނުން. އަސްކަރީ އަޚްލާޤަކީ ސިފައިންގެ ނާރެސްކަމުގައި ޤަބޫލުކޮށް، ސިޔާސީ ކަންކަމުން ދުރުހެލި، ނަޒާހަތްތެރި، ލަޝްކަރެއްގެ ގޮތުގައި ދެމިތިބުން.

 

އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ ދިވެހި އަސްކަރިއްޔާއަށް ރޯޝަނީ މުސްތަޤުބަލެއް މިންވަރު ކުރެއްވުން. ދިވެހި ސިފައިންނަށް އަބަދުވެސް ނަޞްރާއި ނަޞީބު މިންވަރު ކުރެއްވުން. ކުރިއަށް ދިވެހި ޤައުމު، ކުރިއަށް ދިވެހި ސިފައިން. والسّــلام عليــكم ورحـمــة اللّـه وبـركاتـه

ޑިފެންސް މިނިސްޓަރ

15 ނޮވެންބަރު 2018