ބްލޮގް


ފާހަގަކޮށްލެވޭ ތަޤުރީރުތަކާއި ޚަބަރުތައް

އައްނަބީލާ މަރިޔަމް ސަޢީދުގެ ތަޢުބީނުގެ ޖަލްސާ

އައްނަބީލާ މަރިޔަމް ސަޢީދުގެ ތަޢުބީނުގެ ޖަލްސާ

ފަލަކުގައިވާ ތަރިތަކުގެ ވިދުމާއި އޭގެ ރީތިކަމާއި ކަޝިސްކަން ދެއްކެވި މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަން. ދިރިއުޅުމުގައި މާޔޫސްވެ، ޙަޔާތުގައި މޮޅި ސާލެއް ފެތުރުނު އެތައް ބަޔަކަށް ޙަޤީޤީ މާނައިގައި ދިރިއުޅެން ދަސްކޮށްދެއްވި މި އުންމަތުގެ މާތް ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަން.  މިދުޢާގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރަން.

އެޑްރެސް ކުރުން: ހިންގުންތެރި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް، ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަލްއަޚު އަޝްރަފު ޢަލީ، އައްނަބީލާ މަރިޔަމް ސަޢީދުގެ އާއިލާގެ ލޮބުވެތި މެންބަރުން، ނިޝާން ޢިއްޒަތްދީނުގެ ޢިއްޒަތުގެ ވެރިން، އެންމެހާ ޙާޒިރީން. އައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު.

ތަޢުޒިޔާ: އާދެ! މިރޭ އަޅުގަނޑުމެން އިޙުތިފާލު ކުރަމުން މިދަނީ މުޅި ދިވެހިރާއްޖެ އެބޭފުޅަކާމެދު ފަޚުރުވެރިވާ ފަޟީލަތުއްޝައިޚުލް މަރުހޫމް ޙުސައިން ޞަލާހުއްދީންގެ ދަރިކަނބަލުން، އައްނަބީލާ މަރިޔަމް ސަޢީދުގެ ތަޢުބީނުގެ ޖަލްސާ. މިޖަލްސާގައި އައްނަބީލާ މަރިޔަމް ސަޢީދުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ކެތްތެރިކަމަށް އެދެން. އަދި އެކަމަނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުންއެދި ދުޢާ ކުރަން.

އާދެ! އައްނަބީލާ މަރިޔަމް ސަޢީދަކީ ވަރަށް ޤައުމީ ބޭފުޅެއް. ދިވެހިންގެ ހިތުގެ ނާރުތަކާ ކުޅެލި ގިނަ ޅެންތަކެއް ހެއްދެވި، ދިވެހި ޅެންވެރިއެއް. އަޒުމްވަރުގަދަ ކަނބަލެއް. ކެތްތެރި މަންމައެއް.

ކެތްތެރި މަންމައެއް: ޝައްކެއް ނެތްގޮތުގައި ދުނިޔެވީ ޙަޔާތުގައި މަންމައަކަށް ނުވަތަ ބައްޕައަކަށް ލިބޭނެ އެންމެ އަގުބޮޑު ނިޢުމަތަކީ، އެންމެ އަގުބޮޑު މޭވާއަކީ އަދި އެންމެ ބޮޑު ނަޞީބަކީ ހެޔޮލަފާ ދަރިއަކު ލިބުން. މަރިޔަމް ސަޢީދާއި ސުމުއްވުލް އަމީރުލް މަރުހޫމް އިބުރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށް ދެ ދަރިކަލުން ލިބިވަޑައިގެންނެވި.

ކޮންމެ މަންމައެކޭވެސް އެއްފަދައިން މަރިޔަމް ސަޢީދުވެސް، އެ ދެބޭފުޅުންނަށްޓަކައި، އެ ބޭފުޅުން ތަރުބިއްޔަތު ކުރެއްވުމާއި ތަޢުލީމު ފޯރުކޮށްދެއްވުމަށް ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންނެވި. އެކަމަނާ ވެސް ދަރިދަރިކަލުން ތަޢުލީމު ޙާޞިލުކޮށް، އުފާވެރި ދިރިއުޅުމެއް އުޅެ، ޤައުމަށް ޚިދުމަތް ކުރަމުންދާ އުފާވެރި މަންޒަރު ދެކެވަޑައިގަންނަވަން ނުހަނު ބޭނުންފުޅުވި. އެހެންނަމަވެސް ތަދުބީރުގެ މައްޗަށް އަބަދުވެސް ތަޤުދީރު ގަދަވެގަންނަފަދައިން، އެފަދަ އުފާވެރިކަމެއް ލިބިވަޑައިނުގެން، މަރިޔަމް ސަޢީދު ދުނިޔޭގައި ހުންނަވަނިކޮށް، ދެ ދަރިކަލުން ވަނީ މި ފަނާވަނިވި ދުނިޔެއާ ވަކިވެފައި.

އަޅާލާނެ ފިރިކަލަކު ނެތްއިރު، ލިބިވަޑައިގެންނެވި ދެ ދަރިކަލުން ވެސް މި ފަނާވަނިވި ދުނިޔޭން ވަކިވެވަޑައިގަތުމުން މަރިޔަމް ސަޢީދުގެ ހިތްޕުޅަށް ކުރައްވާނެ ފުން އަސަރާއި ހިތާމަ ތިޔަ ބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ! މައިވަންތަކަމުގެ ލޯތްބާއި ކުލުނުގެ ސަބަބުން ކުރާނެ ހުރިހާ އަސަރެއް މަރިޔަމް ސައީދަށް ކުރި. ކުރިން ވެއްޓޭނީ ކުރިން އައި ފަނެއް ކަމަށް ބެލެވުނުނަމަވެސް، މަރިޔަމް ސަޢީދަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެއާ މުޅިން އިދިކޮޅު. އެހެންނަމަވެސް، ބަރުދާސްތު ކުރަންދަތި ހިތާމަތަކާއި ވޭންތައް ލިބިވަޑައިގެންނެވިނަމަވެސް އެކަމަނާ އިޚުތިޔާރު ކުރެއްވީ ކެތްތެރިކަމުގެ އިންތިހާ.

މަރިޔަމް ސަޢީދަކީ އަޒުމްވަރުގަދަ ބޭފުޅެއް. މަރިޔަމް ސަޢީދުގެ ޒަވާޖީ ޙަޔާތުގެ ބުސްތާނަކީ މާގިނަ ދުވަސްތަކަކަށް ފެންދީ ހެއްދުނު ބުސްތާނަކަށް ނުވި. މަރިޔަމް ސަޢީދުގެ ޢިބާރާތުންނަމަ، އެކަމަނާގެ ޙަޔާތްޕުޅަށްވީ ހިމޭން ފެންގަނޑަކަށް ފަރުބަދައެއް ވެއްޓުނީމާ ވެގެންދާނެގޮތް". އަދި އެއަށްފަހު އެކަމަނާގެ އުމުރުފުޅުން 40-50 އަހަރާ ދެމެދު އެކަމަނާގެ ޙަޔާތަށް އައީ ސިފަކުރަން ދަތިވާފަދަ ދުވަސްތަކެއް.  

އާދެ! އެއީ 1980 ގެ އަހަރުތަކުގެ ކުރީކޮޅު. އެއްކޮޅުން ދަރިކަލުން ޢަލީ ނާޞިރު ހިންގެވި އެޖެންސީއަކާއި ބޭރުގެ ކޮމްޕެނީއަކާ ދެމެދު ޖެހިފައިވާ މައްސަލަތަކެއްގައި ޢަލީ ނާޞިރުގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅި، އެ މައްސަލައިގާ ކޯޓަށް ވަނީ ހިނގާންޖެހިފައި. އޭރު މުޅި މާލެތެރެއިން އިވެނީ މަރިޔަމް ސަޢީދުގެ ޙަޔާތުން ބީވެފައިވާ އެކަމަނާގެ ފިރިކަލުން ރައީސް ނާޞިރަށް ހަދާފައިހުރި ބާޣީ ލަވަތައް. މުޅި މާލޭގައި އޮތީ ރައީސް ނާޞިރުގެ ކާޓޫނުތައް. ނޫސްތައް ވެސް ފުރާލާފައިވަނީ ރައީސް ނާޞިރުގެ ކާޓޫނުތަކުން. އެކަމަނާ އެހުރިހާ ކަމަކާ ކުރިމަތި ލެއްވީ ވަރަށް ކެތްތެރިކަމާއި ސާބިތުކަމާއެކު.

އެގޮތުން، އެއްދުވަހަކު އެ ދުވަސްވަރު އާބާރު މަޖައްލާގައި ނިކުތް ކާޓޫނު ހިއްޕަވައިގެން މަރިޔަމް ސަޢީދު އިސް ބޭފުޅެއްގެ އަރިހަށް ވަޑައިގެން. އަދި ވިދާޅުވީ ދިވެހިރާއްޖޭގެ ފަހުން އަންނަ ޖީލުތަކަށް އިބުރަތަކަށް ވޭތޯ ދާރުލްއާސާރުފަދަ ތަނެއްގައި މިކާޓޫނުތައް ބަހައްޓަވަންވީ ނޫންތޯއޭ! ދެން އެ ބޭފުޅަކު "ކީއްކުރާނީތޯއޭ އަޅުގަނޑުމެންގެ އަތްބާރު ނުފޯރައިގެން ވާ ކަންތައްތަކޭ" ވިދާޅުވުމުން، މަރިޔަމް ސަޢީދު ވިދާޅުވީ "އަތްބާރު ނުފޯރައިގެންދާނަމަ ތިމަން ކަމަނާއާ ޙަވާލު ކުރައްވާށޭ! ހަމަ ގައިމުވެސް މިއަށްވުރެ މާރީތިކޮށް މިކަންކަން ގެންދާނަމޭ".

ނަމަވެސް ދެން ވީ ކިހިނެއްތޯ! ޖެހިގެން އައި ދުވަހު ރައީސް ނާޞިރުގެ ދެ ކާޓޫނު ޗާޕުކޮށްފައި މަރިޔަމް ސަޢީދަށް ފޮނުވީ. ނަމަވެސް އެކަމަނާގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާދޭ! އެކަމަނާގެ ނަފުސު ކޮންޓްރޯލް ކުރެއްވި.

ކޮންމެއަކަސް ކުންފުނީގެ މައްސަލައިގާ ޢަލީ ނާޞިރު ޅ. ކުރެންދުއަށް އަރުވާލެއްވި. ފަހުން ޢަލީ ނާޞިރު ހައިކޯޓަށް މައްސަލަ ހުށަހަޅައިގެން، މާލެ ގެންނަވައި ގޭބަންދުގައި ބަހައްޓައިގެން ހައިކޯޓުގައި މައްސަލަ ހިންގެވި.

އެ ދުވަސްވަރު މަރިޔަމް ސަޢީދުގެ އަނެއް ދަރިކަލުން މުޙައްމަދު ނާޞިރު ގެންދެވީ ލަންޑަންގައި ޤާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވަމުން. އުމުރުފުޅުން އެންމެ 22 އަހަރުގެ އެ ދަރިފުޅުވެސް ކުއްލިއަކަށް ދުނިޔެއާ ވަކިވެވަޑައިގަތީ. އެހާ ދުރުގައި، ލޮލަށް ވެސް ނުފެނި، ވީނުވީއެއް ނޭނގޭގޮތެއްގައި ދަރިއަކު މަރުވުމުން، މައެއްގެ ހިތަށް ކުރާނެ އަސަރު ޚިޔާލަށް ގެންނަވާ!. އަދި ކޮބައިތޯ؟! އެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ޢަލީ ނާޞިރު ވަޑައިގަތުމަށް އެދިވަޑައިގަތުމުން އެކަމެއް ވެސް ހަމައެއް ނުޖެހުނު. އެފަދަ ބޮޑު ހިތާމައެއް ކުރިމަތިވިއިރުވެސް ހަ ފަރާތުން ވެސް އޮތީ ފިއްތުން.

ކޮންމެއަކަސް ޢަލީ ނާޞިރުގެ މައްސަލައިގާ ހައިކޯޓުން ނިންމެވީ އެމަނިކުފާނުގެ މާބޮޑު ކުށެއް ނެތްކަމަށާއި އެހެންނަމަވެސް އެ ދަރަނި ދިވެހި ސަރުކާރަށް ދެއްކުމަށް. އޭރު މަރިޔަމް ސަޢީދު އުޅުއްވަމުންގެންދެވީ ބަންޑާރަވެލާގައި.

ރައީސް ނާޞިރުގެ ވެރިކަން ބަދަލުވުމާއެކު ކުޑަކުދިންނާއި ބޮޑެތި މީހުން، ސްކޫލް ކުދިންނާއި މުސްކުޅިން، ފައިހިނދޭ ފުރައިން ނިކުމެ، ދިޔައީ އިބުރާހީމް ނާޞިރާ ދެކޮޅަށް މުޒާހަރާ ކުރަމުން. ނަމަވެސް އެ މުޒާހަރާގައި މަރިޔަމް ސަޢީދު ބައިވެރިވެވަޑައެއް ނުގަންނަވާ. އެއީ އިބުރާހީމް ނާޞިރަކީ އެކަމަނާގެ ކުރީގެ ފިރިކަލުންނަށްވެފައި، ދެދަރިކަލުންގެ ބައްޕާފުޅަށްވާތީ.

އާދެ! އެކަމުގެ ހިތި ނަތީޖާއާ ކުރިމަތިލައްވަން މަރިޔަމް ސަޢީދަށް ޖެހިވަޑައިގަތީ ވަރަށް އަވަހަށް. ޖެހިގެން އައި ދުވަހު، ކުރިން ދައުލަތުން މަރިޔަމް ސަޢީދަށް ދެއްވަމުންގެންދެވި އިނާޔަތް ކަނޑުއްވާލެއްވި. އަދި އެވަރުން ނުވެގެން ދައުލަތުން އެކަމަނާ އުޅުއްވުމަށް ދެއްވާފައިހުރި ގެ ބަންޑާރަވެލާއިން ނެރެލެއްވި. ނަމަވެސް އެކަމަނާގެ އަޒުމަކަށް ބަދަލެއް ނާދޭ!. މަރިޔަމް ސަޢީދަކީ ދިވެހި ކަނބަލުން ފަޚުރުވެރިވާ އަޒުމް ވަރުގަދަ ކަނބަލެއް.

މަރިޔަމް ސަޢީދަކީ ވަރަށް ޤައުމީ ބޭފުޅެއް. މަރިޔަމް ސަޢީދުގެ ޙަޔާތުގެ ބޮޑުބައި ހޭދަ ކުރައްވަން މަޖުބޫރުވެވަޑައިގަތީ ރާއްޖޭން ބޭރުގައި. ނަމަވެސް، އެކަމަނާ ދިވެހި ސަޤާފަތަށް ވަރަށް ބޮޑަށް ލޯބި ކުރެއްވި. ދިވެހި ޤައުމިއްޔަތު ދެމެހެއްޓެވުމަށް މަސައްކަތް ކުރެއްވި. ދިވެހި ބަހަށް ވަރަށް ބޮޑަށް ލޯބި ކުރެއްވި. އެންމެފަހު ވަޤުތާ ޖެހެންދެންވެސް، އަމިއްލަ އަތްޕުޅުން ޅެންތައް ލިޔުއްވައި ހެއްދެވިކަމީ މިދެންނެވި ބަހުގެ ހެއްކެއް. އަދި އެކަމަނާއަށް އިންތިހާއަށް ތަކުލީފުތައް ޖެހުނުނަމަވެސް، ވެރިންނަށާއި ޤައުމަށް އެކަމަނާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ އަދަބު އިޙުތިރާމް އަދާކުރެއްވި.

މަރިޔަމް ސަޢީދަކީ ހިތުގެ ނާރުތަކާ ކުޅެލި މޮޅު ދިވެހި ޅެންވެރިއެއް. އައްނަބީލާ މަރިޔަމް ސަޢީދަކީ ދިވެހި ޅެންވެރިކަމުގެ ހިތުގެ ވިންދު. އެކަމަނާގެ "އަސްރު ގެއްލިގެން ދިއުމުން" ހެއްދެވި ލަވައަކީ އަޅުގަނޑު މިދެންނެވި ބަހުގެ އަލިގަދަ ދަލީލެއް. ހަމަގައިމުވެސް މިއަދުވެސް އަޅުގަނޑަށް އެންމެ ކަމުދާ ރޭގަނޑުގެ ތަރާނާއަކީ އެ ޅެން. "އަސްރު ދިޔައީ ގެއްލިގެން" އެ ލަވަ އަޑުއަހާލުމުން، ދިރިއުޅުމުން ދަސްކޮށްދޭ ފިލާވަޅުތަކާއި ދިރިއުޅުމުގައި ނިންމޭ ނިންމުންތަކުން އިންސާނުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކުގެ ވާދީއަކަށް ގެނބިގެންދޭ.

އާދެ! މަރިޔަމް ސަޢީދުގެ ޙަޔާތުން ދަސްކުރަންވީ އެއްކަމަކީ ދިރިއުޅުމުގައި ދިމާވާ ކަންކަމުން މާޔޫސް ނުވުމަށް. ދިރިއުޅުމުގައި އަނދިރީގެ ސާލެއް ފަތުރަމުން، ފަރުދާވަމުން ދިޔަނަމަވެސް، ތިމާގެ ޢަޤީދާ ހަރުދަނާ ކުރުމާއެކު، ސާބިތުކަމާއެކު ދިރިއުޅުމުގައި ކުރިއަށްދިއުމަށް އައްނަބީލާ މަރިޔަމް ސަޢީދުގެ ޙަޔާތުން ދަސްކޮށްދޭ. އެކަމަނާގެ ޙަޔާތަށް ކުރިމަތިވަމުންދިޔަ އެއްވެސް ކަމަކުން، އެކަމަނާ މާޔޫސްވެވަޑައިގެން، ނަފުސު ކޮންޓްރޯލް ނުކުރެއްވޭ ހިސާބަކަށް ނުދޭ.

މަރިޔަމް ސަޢީދުގެ ޙަޔާތުން ދަސްކުރަންވީ ދެވަނަ ކަމަކީ ތިމާގެ ނަފުސުގެ އަގު ތިމާ އަމިއްލައަށް ހިފެހެއްޓުމަށް. އިންސާނަކަށް ކުރިމަތިވާނެ ހުރިހާ ހިތްދަތިކަމަކާއި ނިކަމެތިކަމެއް އެކަމަނާއަށް ކުރިމަތިވި. އެހެންނަމަވެސް އެކަމަނާ އުޅުއްވީ ވަރަށް ޢަބުރުވެރި ދިރިއުޅުމެއް. އެކަމަނާގެ ނަފުސުގެ އަގު ހިފެހެއްޓެވި. އެހެން މީހުންގެ ކުރިމަތީގައި ހަރުދަނާކަން ދެއްކެވި.

މަރިޔަމް ސަޢީދުގެ ޙަޔާތާ ގުޅިގެން ލިބިދޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ތިމާގެ ބޭނުން އަނެކުންނަށް ޖެހޭ ވަގުތުތަކުގައި ޚާއްޞަކޮށް ޢާއިލާގެ މެންބަރަކު އެހީތެރިކަމެއް ބޭނުންވާ ކޮންމެ ވަގުތެއްގައި ތިމާގެ މުށް ދޫކޮށްލައި، އެ މީހަކަށް ތިމާ އެހީތެރިވެދިނުމުގެ ރިވެތި އާދަ މިއަދުވެސް ރާއްޖޭގައި އެބައޮތްކަން ސާބިތުވުން. އާދެ! މަރިޔަމް ސަޢީދުގެ އާއިލާގެ ބޭފުޅުންވަނީ އެ ނަމޫނާ ވަރަށް ފުރިހަމައަށް ދައްކަވާފައި. އެކަމަނާގެ ތިމާގެ ބޭފުޅުންނާއި އާއިލީ ބޭފުޅުން އެކަމަނާއަށް ވަނީ ލޯތްބާއި އިޙުތިރާމާއި އެހީތެރިކަން ވަރަށް އެކަށޭނަގޮތެއްގައި ފޯރުކޮށްދެއްވާފައި. މާތްﷲ އެ އެންމެހާ ބޭފުޅުންނަށް ހެޔޮ ރަޙުމަތް ލައްވާށި! އާމީން.  

އާދެ! އައްނަބީލާ މަރިޔަމް ސަޢީދަކީ އަޒުމްވަރުގަދަ ކަނބަލެއް. ކެތްތެރި މަންމައެއް. ވަރަށް ޤައުމީ ބޭފުޅެއް. މަރިޔަމް ސަޢީދަކީ ދިވެހިންގެ ހިތުގެ ނާރުތަކާ ކުޅެލި މޮޅު ދިވެހި ޅެންވެރިއެއް.

އެކަމަނާ ވިދާޅުވަނީ "ހަނދާނަކުންވާ ހަނދާންތަކޭމީ، ވެދާމި ޒިކުރާ ފިލައިނުދާނޭ،

ވަދާޢުވީ އެކި ދުވަސް ޙަޔާތުން، އެދޭ ފިލާވަޅު ލިބޭށަވާނޭ."

 

އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ އައްނަބީލާ މަރިޔަމް ސަޢީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން. އެކަމަނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން. ވައްސަލާމް ޢަލައިކުމް ވަރަޙުމަﷲ ވަބަރަކާތު!