ބްލޮގް


ފާހަގަކޮށްލެވޭ ތަޤުރީރުތަކާއި ޚަބަރުތައް

ދިވެހި ޤައުމިއްޔަތާއި ޒުވާނުން

ދިވެހި ޤައުމިއްޔަތާއި ޒުވާނުން

ޙަމްދު ސަނާ

އެޑްރެސް ކުރުން

އާދެ! އަޅުގަނޑު ވާހަކަ ދައްކަން ޤަޞްދު ކުރަނީ ޤައުމީ ލޯތްބާއި ޤައުމިއްޔަތާއި ދިވެހި ޒުވާނުންނާބެހޭގޮތުން.

އާދެ! ސިނަމާލެ ބުރިޖަކީ ރާއްޖޭގެ މަލަމަތި، ރާއްޖޭގެ ޗާޓު ބަދަލުކޮށްލާނެ، ރައީސް ޔާމީންގެ ތަރައްޤީ ރަމްޒުކޮށްދޭ ބިނާއެއް. މިހިނގާ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ބުރިޖު ހުޅުވާނެ. ބުރިޖު ހުޅުވާތީ ކުރެވޭ އިޙުސާސަކީ ކޮބައިތޯ؟ އާދެ! ބުރިޖު ހުޅުވާތީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އުފާވެރިކަމުގެ ޝުޢޫރު ހިނގާނަމަ އެއީ، ތިމާ ޤައުމު ދެކެ ލޯބިވާ ކަމުގެ އަލާމާތެއް. ފާހަގައެއް. ޤައުމިއްޔަތުގެ ލޯބި ތިމާގެ ހިތުގައިވާކަމުގެ ހެއްކެއް.

ޤައުމިއްޔަތަކީ ކޮބައިތޯ؟ ޤައުމިއްޔަތަކީ ޤައުމުދެކެ ވާ ލޯތްބާއި އަމިއްލަ ޤައުމާމެދު ހިތުގައި އުފެދޭ ޝުޢޫރު. ޤައުމަށް ބޮޑުކަމެއް ކުރިމަތިވުމުން އެ އުފެދޭ ރޫޚު، ނުވަތަ ނިކަމެތި ކަމެއް މެދުވެރިވާން އުޅުމުން ކުރެވޭ އިޙުސާސް. ރާއްޖެއަށް ބޭރު ބަޔަކު އަރައިގަންނަންޖެހިދާނެކަމަށް ބުނީމާ، އާނދޮގޭ! ހިލާ ތިޔަގޮތަށް ތިޔަކަން ވިޔަކަ ނުދޭނަމޭ ބުނަން ބޭނުންވާފަދަ ޖަޒުބާތުތައް ހިތުގައި އުފެދުން.

ދިވެހި ޤައުމިއްޔަތުގެ ރުކުންތަކެއް ވޭ. އެއީ: އިސްލާމް ދީން، ބަސް، އާދަކާދައާއި ޘަޤާފަތް. ޤައުމުގެ ހައިބަތާއި އިސްތިޤްލާލް ރަމްޒުކޮށްދޭ ކަންކަން: ޤައުމީ ސަލާމް، ޤައުމީ ނިޝާން، ޤައުމީ ދިދަ . ދައުލަތުގެ އޮފީސްތަކާއި ދިވެހި ދިދަ އަންދާލާތަން ފެނުނީމާ ވަނީ ކިހިނެއްތޯ؟

ޤައުމު ދެކެ ލޯބިވާކަން އެނގޭނީ ކިހިނެއް؟  ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި ދީން ރައްކާތެރިކުރުމަށް މަސައްކަތް ކުރުން، ދިވެހި ބަހަށް އިޙުތިރާމް ކުރުމާއި ޤައުމީ ބަސް ދިރުވަން މަސައްކަތް ކުރުން، އާދަކާދައާއި ޘަޤާފަތަށް ލޯބި ކުރުމާއި އިޙުތިރާމް ކުރުމާއި އާދަކާދައާއި ޘަޤާފަތް ދިރުވަން މަސައްކަތް ކުރުން، ޤައުމީ ސިޔާސަތުތައް އިޙުތިރާމް ކުރުން . ޤައުމީ ލޯބި ނެތްނަމަ، ޤައުމަށް ލިބޭ ގެއްލުމާމެދު އެއްވެސް އަސަރެއް ނުކުރާނެ. މިސާލަކަށް މީލާދީން 1490 ވަނަ އަހަރު ރަސްކަމަށް އިސްވެވަޑައިގެންނެވި ކަޅުމުޙައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން 9 ވަނަ ޙަސަން ރަސްގެފާނު 1550 ގައި ރަސްކަން ހޯދުމަށް ދީން ބަދަލު ކުރައްވައި، ރާއްޖެ ހިފަން ޕޯޗްގީޒުން ފޮނުވި.

މިތާރީޚު ރާއްޖޭގައި މިހާރުވެސް އިޢާދަވޭ. ރާއްޖޭގެ ފަހުގެ މާޒީން އެކަން ހެކިދޭ. މިއަދުވެސް ބޭރު މީހުން ރާއްޖެ ހިފަން އައުމަށް އެދަނީ ގޮވާލަމުން.

ދިވެހިރާއްޖެއަކީ ސައްތަ އިން ސައްތަ މުސްލިމު ޤައުމަކަށް ވާތީ ކަންބޮޑުވާ ބަޔަކު އުޅޭކަން އަޅުގަނޑުމެން ދަންނަންޖެހޭނެ. އަދި އެފަދަ ފަރާތްތަކާމެދު އަޅުގަނޑުމެން ހުޝިޔާރުވެ ތިބެންޖެހޭނެ. އިސްލާމީ އުޞޫލުތަކާ ފުށައަރާ، ރާއްޖޭގެ އާދަކާދައާއި ސަޤާފަތާ ބީރައްޓެހި މަފުހޫމްތައް ރާއްޖެއަށް ފައްތަން އުޅޭތޯ ބަލަންޖެހޭ.

ބޭރުގެ އިސްތިޢުމާރުތަކުން ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ މައިގަނޑު އެއް ސަބަބަބީ އިސްލާމްދީން ނޫން ދީންތައް ރާއްޖޭގައި ތަޢާރަފު ކުރުމަށް ފުރުޞަތު ހޯދުން. އިސްލާމް ދީނާ ބީރައްޓެހި ޑިމޮކްރަސީއެއް ރާއްޖެއަށް ފެއްތުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދޭ.

މިދެންނެވި ހުރިހާ ކަމަކަށް ހުޝިޔާރު ވުމަކީ ރާއްޖޭގައި އިސްލާމީ ހިދާޔަތާއި ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައްކަމުގައި ދެކެން.

އާދެ! ދިވެހިރާއްޖެއަށް ގެންނަންޖެހޭނީ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ގެނެވޭ ތަހުޒީބާއި ތަމައްދުން. އިސްލާމީ އުޞޫލުތަކާ ފުށައަރާ ޑިމޮކްރަސީއަކީ ރާއްޖެއަކަށް ފެތޭނެ ޑިމޮކްރަސީއެއްނޫން. ހުޅަނގުގެ ޑިމޮކްރަސީއެއް ރާއްޖެއަކަށް ނުފެތޭނެ.

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބޭރުގެ އިސްތިޢުމާރީ ޤައުމުތަކުން މިއަދުވެސް ދަނީ މަސައްކަތް ކުރަމުން. އެއީ، ރާއްޖޭގެ ސިޔާދަތަށް އަރައިގަނެ، ރާއްޖޭގައި ޔަހޫދީ، ސެކިއުލަރ ވެރިކަމެއް ޤާއިމު ކުރުމުގެ ބޭނުމުގައި. އިސްލާމް ދީނާ ބީރައްޓެހި، ރާއްޖޭގެ އާދަކާދައާ ނުގުޅޭ ޑިމޮކްރަސީއެއް ގެނައުމުގެ ބޭނުމުގައި.

ޝައްކެއް ނެތްގޮތުގައި، ޤައުމެއްގެ އެންމެ ޚާއްޞަ އެއް ސިފައަކީ އެޤައުމަކަށް ލިބިފައިވާ މިނިވަންކަމާއި ސިޔާދަތު. ސިޔާދަތު ދެމެހެއްޓޭނީ އެފަދަ ޤާބިލުކަމެއް ލިބިގެން.

ރާއްޖޭގައި އެފަދަ ޤާބިލުކަމުގެ އަސާސަކީ ދިވެހި އަސްކަރިއްޔާ. ދިވެހި އަސްކަރިއްޔާ އުވާލައިފިނަމަ ދެން ވާނީ ކިހިނެއްތޯ؟ މި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެހެން ޤައުމެއްގެ އަސްކަރިއްޔާއެއް އޮންނަނަމަ ދެން ވާނީ ކިހިނެއްތޯ؟ ފަލަސްތީނަށް މިއަދު ޖެހިފައިވާ ޙާލުގައި ރާއްޖެ އޮންނާނީ.

ޤައުމިއްޔަތު އާލާކޮށް ދިރުވުމުގައިހުރި ގޮންޖެހުންތައް : ދިވެހި ސަޤާފަތާއި އާދަކާދައާ ބީރައްޓެހި ކަންކަން ރާއްޖެއަށް ތަޢާރަފު ކުރުން- ޔޫރަޕްގެ ތަހުޒީބަށް ހެއްލުމާއި ހައްދުފަހަނައެޅުން، ފިކުރީ ހަނގުރާމައިގެ އަސީރުންނަށް ބައެއް ދިވެހިންވުން، ކޮންމެ ކަމަކަށް ނޫނެކޭ ބުނަމުންދިއުން މާއްދީ ކަންކަމަށް އިސްކަން ދެވުމާއި ޤައުމިއްޔަތާގުޅޭ ކަންކަމުގެ އަގު ވަޒަންކުރެވޭ މިންވަރު ކުޑަވުން، ޤައުމީ ރޫޚު ކުޑަވުން.

1. ޤައުމިއްޔަތު ދިރުވަން ޒުވާނުން މަސައްކަތް ކުރަންޖެހޭ. އާދެ! ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމް ދީނަށް ލޯބިކުރާ، ދީނީ ކަންކަމަށް އިޙްތިރާމްކުރާ ބައެއް. ޤައުމު ދެކެ ލޯބިވާ، ޤައުމީ ރޫޙު ހުރި ބައެއް. ނަމަވެސް، ދުނިޔެއަށް އަންނަމުންދިޔަ ބަދަލުތަކާއި އިސްލާމީ ޙާޟާރަތާއި ޤައުމީ ވަހުދަތު ދަމަހައްޓައި، އަންނަންއޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަށްޓަކައި މިއަދު އިތުރު މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައި. އެމެރިކާގެ މަޝްހޫރު ރައީސެއް ކަމުގައިވާ ޖޯން އެފް ކެނެޑި ވިދާޅުވަނީ:

“Ask not what your country can do for you, ask what you can do for your country” މަހާތުމާގާންދީ ވިދާޅުވަނީ: “The future depends on what you do today.” ރައީސް ޔާމީން ވިދާޅުވަނީ: ދިރުމެއް ވާކަމުގައިވާނަމަ އުއްމީދެއް ވެއޭ. ކީރިތި ރަސޫލާ މައްކާއަށް ޙަދީސް ކުރެއްވީ ތިބާއަކީ ތިމަންކަލޭގެފާނު އެންމެ ލޯބިފުޅުވާ ބިމެވެ. އަދި މަދީނާ ދެކެ ލޯބިފުޅުވޭތޯ ދުޢާ ކުރެއްވި.

1. ޤަބޫލުކުރަންޖެހޭ ޙަޤީޤތަކީ:  

ޝަހުސިއްޔަތެއް ހުރި ލޯތްބަކީ އަދި އާރުލާވެސް ލޯތްބަކީ

ފަޚުރާއި ޝަރަފުވެރި ބާރަކީ ޙުއްބުލްވަޠަން ދަސްކުރޭ ނިންމާލުން

ދިވެހިރާއްޖޭގައި ޤައުމީ ލޯބި އިތުރު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ޤައުމީ ފެންވަރުގައި ނިޒާމީ މަސައްކަތްތަކެއް މިހާރު ގެންދަވަނީ ކުރައްވަމުން.

އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތަހުނިޔާ ދަންނަވައި، އިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ރާއްޖޭގައި މީގެ ކުރިން ދުވަހަކުވެސް އިސްލާމީ ވަޙުދަތާއި، ޤައުމީ ލޯބި އާލާކޮށް ދިރުވުމަށް މިފަދަ މަޝްރޫޢެއް ހިންގާފައެއް ނުވޭ.

ޝައްކެއް ނެތްގޮތުގައި ޤައުމެއްގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެޤައުމުގެ ޒުވާނުން. ބަދަލު ގެންނަ ބަޔަކީ ޒުވާނުން. ޒުވާނުންނަކީ ނުފޫޒު ގަދަ ބައެއް.

ދިވެހި ޤައުމު ބިނާކުރުމުގައި ދިވެހި ޒުވާނުންގެ ދައުރާއި ޒުވާނުންގެ ހިއްސާ ވަރަށް ބޮޑު. މިއަދުގެ ދިވެހި ޒުވާނުންނަކީ ވަރަށް ތަޢުލީމީ ޒުވާނުން.

ވީމާ، ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ހުރިހާ ޒުވާނުންވެސް ރައްކައުތެރިވުމަށް ހުރިހާ ދިވެހި ޒުވާނުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.  

 

މިހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން ޤަޞްދުކުރަން. އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ އިސްލާމް ދީނުގެ ހިދާޔަތުގެ އަލީގައި ދިވެހި ޤައުމު އަބަދަށް ލެއްވުން. އިސްލާމް ދީނުގެ އަލިގަދަ ނޫރުން ދިވެހިންގެ ހިތްތައް އަލިކުރެއްވުން. ދިވެހި ޒުވާނުންނަކީ އިސްލާމް ދީނުގެ ރިވެތި ގަހަނާތަކުން ޒީނަތްތެރިވެފައިވާ ބަޔަކުކަމުގައި ލެއްވުން. އާމީން. ވައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު.